އަލް-ޢައްބާރާ ޕީއެންސީ މެންބަރުން ބައްދަލުކުރި ކަމަށް ބުނާ ވާހަކަ އެމް.ޕީ ފަލާހު ދޮގުކުރައްވައިފި.

ދުބާއީގެ މަޝްހޫރު ވިޔަފާރި ކުންފުނި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލް-ޢައްބާރު ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް، ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދޮގުކުރައްވައިފިއެވެ.
ފަލާހު މިކަން ހާމަކުރެއްވީ ”އަދަދު“ ނޫހުގައި ޝާއިއުކުރި ޚަބަރަކާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖެ ވަޑައިގެން އަލް-ޢައްބާރު ވަނީ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން އެއްވެސް އިންވެސްޓަރަކާ ބައްދަލުކޮށް، ކައިބޮއެ ނުވަތަ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ނޫހުގައި ލިޔެފައިވަނީ ކަނޑައެޅިގެން ރޯބުހުތާން ބޮޑު ދޮގެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ”އަދަދު“ ނޫހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ އެ ނޫހަކީ ގައުމު ފަސާދަކުރުމުގައި ހައްދުފަހަނައަޅާފައިވާ ނޫހެއް ކަމަށާއި، ތަނެއްދޮރެއް ބެލުމެއް ނެތި ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އަދި އެ ނޫހުގެ ވެރިންނާއި ލިޔުންތެރިންނަކީ ދޮގު ޚަބަރު ފަތުރައިގެން ހޯދާ ނުހައްގު ފައިސާއިން ދިރިއުޅެމުންދާ ބައެއް ކަމަށްވެސް ފަލާހު ވަނީ ތުހުމަތުކުރައްވާފައެވެ.
އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލް-ޢައްބާރު މިދިޔަ ދުވަސްތަކުގައި ރާއްޖެ ވަޑައިގެން އުޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ”މޯލްޑިވްސް ވޯޓަރ-ފްރަންޓް އެންޑް މެރީނާ“ މަޝްރޫއާ ގުޅޭގޮތުންނެވެ. އެ ދަތުރުފުޅުގައި އޭނާ ވަނީ މީޑިއާތަކާ ބައްދަލުކުރައްވައި އެ މަޝްރޫއުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.