ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ”އުރީދޫ މަސްޖިދުނާ“ އިނީޝިއޭޓިވް ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.

މި ޚާއްޞަ އިނީޝިއޭޓިވް އިފްތިތާޙުކޮށްފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
”އުރީދޫ މަސްޖިދުނާ“ އަކީ ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާ (ސީ.އެސް.އާރު) ގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ދީނީ ޢިމާރާތްތަކާއި ވަޞީލަތްތައް ހަރުދަނާކޮށް، ރަށްރަށުގެ އާބާދީތަކުގެ ދީނީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން، މި އިނީޝިއޭޓިވްގެ ދަށުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހުރިހާ މަސައްކަތްތަކެއްވެސް ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ރާއްޖޭގެ އިސްލާމީ ޢުމްރާނީ ތަރައްޤީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމަށް އެ ވުޒާރާއިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެއިތުރުން އުރީދޫ މޯލްޑިވްސްއިން ފާހަގަކުރި ގޮތުގައި، މިނިސްޓްރީއާ ގުޅިގެން އެ ކުންފުނިން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މިސްކިތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ، އަޅުކަންކުރަން ފަސޭހަ ތަންތަނުގެ ގޮތުގައި ބެހެއްޓުމަށް އެހީތެރިވެދިނުމެވެ.