މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުން ޖިސްމާނީ އަނިޔާއަށް ވުރެ ބޮޑު: ހުކުރު ޚުޠުބާ.

މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. ”މުސްލިމުންގެ އަބުރާއި ޢިއްޒަތް“ މި މައުޟޫޢަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވަނީ، އަބުރު ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވައިލައްވާފައެވެ.
ޚުޠުބާގައި ވިދާޅުވީ، މާތް ﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރެއްވި އިރު، އިންސާނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް އެކަލާނގެ ވަނީ ނަހީކުރައްވާފައި ކަމަށެވެ. އަދި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާއިރު، އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި ވެސް މިކަން ހިމެނޭކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.


”މާތްވެގެންވާ އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް މިހައި ބޮޑު އިސްކަމެއް ދެއްވައިފައިވަނީ، އަބުރު ގެއްލުވައިލުމުގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތަކާއި ފަސާދައަށް މަގުފަހިވާތީ. އެއީ ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރަށް، މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދޭނޭކަމަކަށްވާތީ،“ ޚުޠުބާގައި ވިދާޅުވިއެވެ.
މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދިނުމަކީ ބޮޑުވެގެންވާ އަނިޔާއެއްކަމާ މެދު އެކަކު ވެސް ޝައްކެއް ނުކުރާނެކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވީ، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަމަށެވެ. އަދި އަބުރު ގެއްލުވައިލުމުން، ދުނިޔޭގައި އެ މީހަކު އުޅެން ޖެހެނީ އިންތިހާ ދަރަޖައިގެ ވޭނާއި ހިތްދަތިކަމުގައި ކަމަށާއި، މުޖުތަމަޢު އެ މީހަކާ މެދު ދެކޭގޮތް ބަދަލުވެ، އެކަހެރިކޮށްލެވޭ ކަމަށް ވިދާޅުވިއެވެ. ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ނަމަވެސް، އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު ވޭނެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް ޝަރުޢުކުރައްވާފައިވާ ހަރުދަނާ އުސޫލުތަކަށް އަލިއަޅުއްވައިލައްވަމުން ޚުޠުބާގައި ވިދާޅުވީ، ހަތަރު ފިރިހެނުންގެ ހެކިބަހާ ނުލައި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެއް ކަމަށެވެ. އަދި އެފަދަ ތުހުމަތުކޮށް ވާހަކަ ފެތުރި ކޮންމެ މީހެއްގެ ގައިގައި އަށްޑިހަ އެތިފަހަރުން ޙައްދު ޖެހުމަށާއި، އެއީ ފާސިޤުން ކަމުގައި ބަލައި ދުވަހަކު ވެސް އެ މީހުންގެ ހެކިބަސް ޤަބޫލުނުކުރުމަށް އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މީހަކާމެދު ގޯސްކޮށް ހީކުރުމާއި، އެ ފަދަ ހީތަކުގެ މައްޗަށް ބިނާކޮށް ޖާސޫސްކުރުމަކީ ވެސް ޙަރާމްކަމެއް ކަމުގައި ބަޔާންކުރެއްވިއެވެ.
މީސްތަކުންގެ އަބުރާއި ޢިއްޒަތަށް އެންމެ ގިނައިން އަރައިގަނެވެނީ ދުލުންކަން ހަނދާންކޮށްދެއްވަމުން، ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށްފި މީހަކަށް ސުވަރުގެ ލިބޭނެ ކަމަށް މާތް ނަބިއްޔާ ﷺ ޖާމިނުވެވަޑައިގެންފައިވާ ޙަދީޘްފުޅު ޚުޠުބާގައި ގެންނެވިއެވެ.
މިއަދުގެ ޚުޠުބާ ނިންމަވާލައްވަމުން ވަނީ ޒަމާނީ މުވާޞަލާތީ ވަސީލަތްތަކުގެ ނުބައި ބޭނުން ހިފުމާ މެދު އިންޒާރު ދެއްވާފައެވެ. އެގޮތުން، ބަވަނަވެފައިވާ މި ދުނިޔޭގައި، ކުރެވޭ ފާފައިގެ ބޮޑުކަމާމެދު އެއްވެސް ވިސްނުމެއް ނެތި، ޒާތީ ހަސަދައިގެ ސަބަބުން ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި މީސްމީހުންގެ އަބުރު ކަތިލައި ފަޟީޙަތްކުރަމުންދަނީ ތިމަތިމާމެންގެ ޅަދަރިންގެ ކުރިމަތީގައި ކަމަށް ވިދާޅުވެ، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.