އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ ފިޔަވައި، އިދާރީ ހިންގުމާއި އިސްލާމީ އެކި ހަރަކާތްތަކަށް ހިނގާ ޚަރަދުތައް އަމިއްލައަށް ހަމަޖައްސައި، 2029 ވަނަ އަހަރުގެ ނިޔަލަށް މާލީ އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ދާއިރާ ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަޞައްވުރާ ގުޅޭގޮތުން، މިނިސްޓަރު ޝަހީމް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މިނިސްޓްރީގެ ލަނޑުދަނޑިއަކީ 2029 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިސްލާމީ އެކިއެކި ކަންކަމަށް ބޭނުންވާ މާލީ އަމިއްލަ ފުދުންތެރިކަން ހޯދައިގަތުން ކަމަށެވެ. އަދި މުވައްޒަފުންގެ މުސާރަ ފިޔަވައި، އެހެނިހެން ހިންގުމުގެ ޚަރަދުތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ވީހާވެސް ބޮޑަކަށް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިއީ މާލީ މިނިވަންކަމާއި، ދެމެހެއްޓެނިވި ވަޤުފް ތަރައްޤީއަށް ވާސިލުވުމަށާއި، އަންނަން އޮތް ޖީލުތަކަށް އިސްލާމީ ޚިދުމަތުގެ ދެމިގެންދާ ފަޚުރުވެރި ވާރުތައެއް ދޫކޮށްދިނުމަށްޓަކައި އެޅޭ އިންޤިލާބީ އަދި ތާރީޚީ ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި ވަޤުފްގެ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކާއި ޒަކާތުގެ ގޮތުގައި އަހަރަކު ޖުމްލަ 250 މިލިއަން ރުފިޔާގެ މާލީ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އަދި މި ޕްލޭނުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފްގެ މުހިންމު އަށް މަޝްރޫޢެއް ނިންމުމަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ. މި މަޝްރޫޢުތައް ފުރިހަމަވުމުން އިސްލާމިކް މިނިސްޓްރީއަށް މާލީ ގޮތުން ވަރުގަދަ އަދި ދެމެހެއްޓެނިވި ބިންގަލެއް އެޅިގެންދާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
މި އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އިސްލާމީ ދާއިރާ އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށްޓަކައި މިނިސްޓްރީގެ ދިގު މުއްދަތުގެ މުއައްސަސާވި ޤާބިލުކަން އިތުރުކުރުމެވެ. މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމާއި، އިސްލާމީ ތަޢުލީމު ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ. މީގެ އިތުރުން، އިމާމުންނާއި ދީނީ ޢިލްމުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ދެމެހެއްޓެނިވި އެހެނިހެން ދީނީ އަދި އިޖުތިމާޢީ ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ މި އާމްދަނީގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.