ރަމަޟާން މަހުގެ ކުރިން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ 3 މިސްކިތެއް ހުޅުވިގެން ދާނެ: މިނިސްޓާރ ޝަޙީމް

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން، ހުޅުމާލޭގައި އަލަށް އިމާރާތްކުރަމުންދާ ތިން މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ނިސްބަތަށް ބަލައި، ނަމާދުކުރާނެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި މި މިސްކިތްތަކުގެ މަސައްކަތްތައް ނިންމައި ވީހާވެސް އަވަހަކަށް ހިދުމަތް ދިނުމަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.


އެގޮތުން، ދީލަތި ފަރާތެއްގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ބިނާކުރަމުންދާ ”މަސްޖިދު މާޔާ“ ގެ އަމަލީ މަސައްކަތްތައް ނިންމައި، ކުރިއަށް އޮތް ނޮވެންބަރު މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވުމަށް އަމާޒު ހިފާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރަމުން އަންނަ ”މަސްޖިދު ޢާއިޝާ (ރަޟިޔަﷲ ޢަންހާ)“ އާއި، ދެވަނަ ފިޔަވަހީގެ ”އަމާން އުދަރެސް“ ސަރަހައްދުގައި އިމާރާތްކުރަމުންދާ މިސްކިތް ވެސް، އަންނަ ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތަކާ ބައްދަލުކުރުމުގެ ކުރިން އާންމުންނަށް ހުޅުވައިލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެކެވެ. އެގޮތުން، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ ކަމަށް މީގެ ކުރިން ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދީނީ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ހުޅުމާލޭގައި އަލަށް ހުޅުވޭ މި ތިން މިސްކިތާއެކު، ހާއްސަކޮށް ރަމަޟާން މަހުގެ ތެރޭގައި އެ އަވަށުގައި ދިމާވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.