އެންޑީޒް ފަރުބަދަމަތިން އަލަށް ފެނުނު ގަހަކަށް މެސީގެ ނަމުން ނަން ދީފި!

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ ނަމަށް ނިސްބަތްކޮށް، އަލަށް ހޯދި ގަހެއްގެ ބާވަތަކަށް އޭނާގެ ނަން ދީފިއެވެ. މި ގަހަށް ދީފައިވާ ސައިންޓިފިކް ފުރިހަމަ ނަމަކީ ’ސަލްވިއާ މެސީ‘ (Salvia messii) އެވެ.
ޕެރޫގެ ދެކުނު ސަރަހައްދުގައިވާ އެންޑީޒް ފަރުބަދަމަތިން ފެނުނު މި ގަހަކީ ވަރަށް މަދުން ނޫނީ ނުފެންނަ، އަދި މިހާރު ދުނިޔެއިން ނެތިދިއުމުގެ ބިރު ބޮޑުވެފައިވާ ބާވަތެއް ކަމަށް މިކަމާ ގުޅޭގޮތުން ޝާއިއުކުރި ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ގަހަށް މެސީގެ ނަން ދިން މައިގަނޑު އެއް ސަބަބަކީ، މި ގަހުގައި އަޅާ މަޑު ނޫކުލަ އާއި ހުދުކުލައިގެ މާތަކުގެ ސަބަބުން މެސީ ނިސްބަތްވާ އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީ ރަމްޒުކޮށްދޭތީއެވެ. ލެޓިން ބަހުން ސައިންސްގެ ނަންތައް ދިނުމުގައި ބޭނުންކުރާ ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ’ސަލްވިއާ މެސީ‘ ގެ ސީދާ މާނައަކީ ”މެސީގެ ގަސް“ މިއެވެ.
’ސަލްވިއާ މެސީ‘ އަކީ ކާފޫރުތޮޅި ނުވަތަ މިންޓް އާއިލާ އަށް ނިސްބަތްވާ ގަހެކެވެ. ސިއްހީ ގޮތުން ބަލާއިރު، މި އާއިލާގެ ގަސްގަހާގެއްސަކީ އެންޓިއޮކްސިޑެންޓް، އެންޓި އިންފްލަމޭޓަރީ އަދި ޖަރާސީމު ނައްތާލުމުގެ ބާރު ގަދަ މާއްދާތައް އެކުލެވިގެންވާ ގަސްތަކެކެވެ. ގާތްގަނޑަކަށް 1.5 މީޓަރުގެ އުސްމިނަށް ބޮޑުވާ މި ގަހަކީ، އާންމުކޮށް ފަރުބަދަމަތީގެ ހަރުކަށި މާހައުލުތަކުގަޔާއި ހުސްބިންތަކުގައި ވެސް ފަސޭހަކަމާ އެކު ހެދުމުގެ އާދަޔާހިލާފު ކުޅަދާނަކަން ލިބިފައިވާ ގަހެއް ކަމަށް ދިރާސާގައި ބަޔާންކޮށްފައިވެއެވެ.
ދުނިޔެއިން އަލަށް ފެންނަ ދިރުންތަކަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ނަން ދިނުމަކީ ސައިންސްވެރިންގެ މެދުގައި ކުރިން ވެސް ހިނގާފައިވާ ކަމެކެވެ. އެގޮތުން، މިދިޔަ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކޭޕް ވާޑޭ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ތަޖުރިބާކާރު ގޯލްކީޕަރު ވޮޒީނީގެ ނަމުން، އަލަށް ފެނުނު މަހަކަށް ވަނީ ނަން ދީފައެވެ. އެ މަހަށް ވޮޒީނީގެ ނަން ދިނީ، ދިރާސާކުރެއްވި ސްޕެއިންގެ އޯވިއެޑޯ ޔުނިވަސިޓީގެ އެނިމަލް ބަޔޮލޮޖީ އަދި ޒޫއޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ ހާމުސް އޯޓެއާ އެވެ.
ޕްރޮފެސަރު އޯޓެއާ ފުޓްބޯޅަ ކުޅުންތެރިންގެ ނަމުން ދިރުންތަކަށް ނަންދެއްވި މިއީ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މީގެ ކުރިން ކަނޑުން ފެނުނު ކުޑަކުޑަ ބޮއްޔެއްގެ ބާވަތަކަށް، ރެއާލް މެޑްރިޑާއި ކޮސްޓަރީކާގެ ކުރީގެ ގޯލްކީޕަރު ކޭލޯ ނާވާސްގެ ނަމުން ވެސް އޭނާ ވަނީ ނަން ދެއްވާފައެވެ.