ރަސްމާލެ މަޝްރޫއަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ގެނެވިފައި ނުވާ ވަރުގެ ބޮޑު، ވަރުގަދަ މަޝްރޫއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާހު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރަސްމާލެ ފަދަ ބޮޑު މަޝްރޫއެއް ކާމިޔާބުކަމާއެކު ހިންގައިފި ނަމަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަން އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މަޝްރޫއު ނުހިންގި ކަމުގައި ވިޔަސް ރައީސް މުއިއްޒަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށާއި، ނަމަވެސް އެ މަޝްރޫއު ހިންގައިފިނަމަ އިންތިހާބު ކާމިޔާބު ކުރަން އިތުރަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ކޮންމެ މީހަކުވެސް ތަރައްގީގެ ވާހަކަ ދައްކާއިރު ފުރަތަމަވެސް އަޅާކިޔަނީ ސިންގަޕޫރާއި ޑުބާއީ ފަދަ ތަންތަނާ ކަމަށެވެ.
”އަޅުގަނޑުމެން ކޮންމެ ރައްޔިތަކުވެސް ކޮންމެ މީހަކުވެސް ތަރައްގީގެ ވާހަކަ ދައްކާ ކަމަށް ވާނަމަ، ފުރަތަމަވެސް ބުނަނީ ދިވެހިރާއްޖެ ކީއްވެހޭ ސިންގަޕޫރުއާއި ޑުބާއިއާއި އެއްވަރަށް ނުދާންވީ. ނުގެންދެވެންވީ. އަޅުގަނޑުމެން ދިވެހި ރައްޔިތުންވެސް ސިޔާސީ ބޭފުޅުންވެސް ކޮންމެ ބޭފުޅަކު ބަލާލަންޖެހޭ އެންމެ ފުރަތަމަ މިޖެހެނީ ސިންގަޕޫރުއާއި ޑުބާއި އާއި އެނޫންވެސް ދުނިޔޭގައި ދުވެލި ބާރުކޮށް ތަރައްގީވެފައިވާ ގައުމުތައް ތަރައްގީވެފައި ހުރީ ކޮންގޮތަކަށް އެގައުމުތަކުން އަމަލުކޮށްގެންތޯ،“ ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން، އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއާ ބެހޭގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ނަމަވެސް، އެ ފުރުސަތު ނުލިބޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިފަދަ ބޮޑު މަޝްރޫއެއް ރާއްޖެއަށް އައުމުން ކުރިއަށް އޮތްތަނުގައި މި ކުޑަކުޑަ ގައުމަށް އާދަޔާ ހިލާފު ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮޑު އުފާފާގަތިކަމެއް ލިބިގެންދާނެކަން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ވަރަށް ސާފުކޮށް އެނގޭ ކަމަށް ވިދާޅުވެ، ފަލާހު ވަނީ މަޝްރޫއު ކުރިއަށް ގެންދިއުމުގެ މުހިންމުކަން ތަކުރާރުކުރައްވާފައެވެ.