ދަރިންނަށް ލޯތްބާއި އަޅާލުން ދިނުމަކީ މައިންބަފައިންގެ މައްޗަށްވާ އެންމެ ބޮޑު ޒިންމާއެކެވެ. ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް ދަރިންނަށް މައިންބަފައިންގެ ހިމާޔަތާއި އެހީތެރިކަން ބޭނުންވެއެވެ. ޚާއްސަކޮށް ބައްޕައެއްގެ ލޯތްބާއި ބައްޕައެއްގެ ހިޔާވަހިކަމަކީ ކުއްޖެއްގެ ކިބައިގައި އުފެދޭ ހަރުދަނާ ޝަޚްޞިއްޔަތެއް ބިނާކުރުމަށްޓަކައި ކޮންމެހެންވެސް ބޭނުންވާ މުހިންމު ދައުރެކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދަރިންނަށް ބައްޕައިންގެ ލޯތްބާއި ފުރިހަމަ އަޅާލުން ނުލިބޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.
ބައެއް ބައްޕައިންނަށް ދަރިންނަށް ދޭންޖެހޭ ވަގުތު ނުދެވި، އެކުދިންނާ ގާތް ގުޅުމެއް ބަދަހި ނުކުރެވޭކަން ފާހަގަ ކުރެވެއެވެ. ވަޒީފާގެ ދަތިތަކާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައި މަސްއޫލުވެ، ދަރިންނަށް ހިތްވަރުދީ، އެކުދިންގެ ކަންކަމުގައި ބައިވެރިވުމަށް ބައްޕައިންނަށް ގިނަ ފަހަރު ފުރުސަތު ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން ކުދިންނަށް ބައްޕައެއްގެ ލޯތްބާއި ހިމާޔަތް ނުލިބި، އެކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ބައްޕައެއްގެ ދައުރު މަދުވުމުން، ކުދިންނަށް ސުލޫކީ ގޮތުންނާއި ތަޢުލީމީ ގޮތުން ދައްތަތަކާ ކުރިމަތިލާން ޖެހި، ބޮޑުވާއިރު ފުރިހަމަ ޝަޚްޞިއްޔަތެއް އުފެދުމަށް ހުރަސްތަކާ ކުރިމަތިލާންޖެހެއެވެ.
މި މައްސަލަ އިތުރަށް ގޯސްވެގެންދާ އެއް ސަބަބަކީ، މައިންބަފައިން ވަރިވުމެވެ. ވަރިވުމަށް ފަހު ދަރިން ބަލަހައްޓަނީ އާންމުކޮށް މައިމީހާއެވެ. މިފަދަ ހާލަތްތަކުގައި ބައެއް ބައްޕައިން، ދަރިންނަށް ދޭންޖެހޭ ލޯތްބާއި އަޅާލުން ހުއްޓާލައި، އެކުދިންގެ ހަބަރެއް ވެސް ބަލާނެ ގޮތެއް ނުބަލައެވެ. މީގެ އިތުރުން، ވަރިވުމަށް ފަހު ދަރިންނަށް ދޭންޖެހޭ ހަރަދު ވެސް ބައެއް ބައްޕައިން ނުދީ ދޫކޮށްލާކަން ފާހަގަކުރެވެއެވެ. މިއީ ދަރިންގެ މައްޗަށްވާ ބައްޕައެއްގެ ޒިންމާ ފުރިހަމައަށް އަދާނުކުރެވުމުގެ ނަތީޖާއެކެވެ. ދަރިންނަށް ދޭންޖެހޭ މާލީ އެހީތެރިކަން ނުލިބުމަކީ އެކުދިންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރުވާ ކަމެކެވެ. ކިޔެވުމަށާއި، ކެއިންބުއިމަށާއި، ހެދުން އެޅުމަށް ބޭނުންވާ ހަރަދު ނުލިބުމަކީ ދަރިންގެ ހިތްތަކުގައި އެތައް ސުވާލުތަކެއް އުފައްދާ، ބައްޕަގެ މައްޗަށް އޮންނަ އިތުބާރު ގެއްލުވާލާ ކަމެކެވެ. މިފަދަ ކަންކަމުގެ ސަބަބުން ދަރިންގެ ކިބައިގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދި، މުސްތަޤްބަލާ މެދު ކަންބޮޑުވުންތައް އިތުރުވެއެވެ.
ބައްޕައެއްގެ ލޯތްބާއި އަޅާލުން ނުލިބުމުގެ ސަބަބުން ދަރިންގެ ކިބައިގައި ނަފްސާނީ ގިނަ މައްސަލަތަކެއް އުފެދެއެވެ. ބައެއް ކުދިން އެކަހެރިވެ، މީހުންނާ ގުޅުން ބަދަހިކުރަން ފަސްޖެހެއެވެ. އަދި ބައެއް ކުދިންގެ ކިބައިން ހަރުކަށި ސުލޫކުތައް ފެނި، އެކުދިންގެ ޢަމަލުތައް ގޯސްވެގެންދެއެވެ. މިއީ މުޖުތަމަޢުގައި ފެތުރިފައިވާ ނޭދެވޭ ޢަމަލުތަކުގެ އަސްލަކަށް ވެސް ވެދާނެއެވެ.
ބައްޕައިންގެ ލޯތްބާއި އަޅާލުމަކީ ދަރިންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޙައްޤެކެވެ. މައިންބަފައިން ވަރިވި ނަމަވެސް، ދަރިންނަށް ދޭންޖެހޭ ޒިންމާތަކުން އެއްކިބާވެގެން ނުވާނެއެވެ. ދަރިންގެ ހަޔާތުން ބައްޕައެއްގެ ދައުރު މަދުވުމުގެ ނުރައްކާތެރިކަމަށް އަޅުގަނޑުމެން ހޭލާރަންޖެހެއެވެ. ދަރިންނަށް ލޯތްބާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކުދިންގެ ހިތްތަކުގައި އުފެދޭ އެކަހެރިކަމާއި ނިކަމެތިކަމުގެ އިޙުސާސްތައް ދުރުކުރުމަށްޓަކައި ބައްޕައިން އެކުދިންނާ ގާތް ގުޅުމެއް ބަދަހިކުރުން މުހިންމެވެ. މިކަމަށްޓަކައި ބައްޕައިންގެ މައްޗަށް ވާޖިބުތަކެއް އެބަހުއްޓެވެ. މުޖުތަމަޢު އުފެއްދުންތެރި، ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި ބައްޕައިންގެ ފުރިހަމަ ދައުރަކީ ކޮންމެހެން ބޭނުންވާ އެއްޗެކެވެ.