’ނޭޝަނަލް ވޮލީބޯލް ލީގު 2026’ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފި.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި ’ނޭޝަނަލް ވޮލީބޯލް ލީގު 2026’ގެ ޗެމްޕިއަންކަން، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފުރިހަމަ ރެކޯޑަކާއެކު ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ހޯދައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި އޮކްޓޫބަރު 15 އިން 21 އަށް ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ސިފައިންގެ ޓީމުން ހޯދީ ލީގުގައި އެ ޓީމު ކުޅުނު 4 މެޗު ވެސް ކާމިޔާބުކޮށްގެންނެވެ.


މި މުބާރާތުގައި ޑީއެސްސީން ކުޅުނު ފުރަތަމަ މެޗުގައި އޮކްޓޫބަރު 15 ވީ އަންގާރަ ދުވަހުގެ ހަވީރު ލަޔަންސްއާ ވާދަކޮށް ސީދާ 3-0 ސެޓުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ މެޗުގައި އޮކްޓޫބަރު 18 ވަނަ ދުވަހުގެ ރޭ ކުލަބް އެމްޓީސީސީއާ ވާދަކޮށް، 3-1 ސެޓުން ސިފައިންގެ ޓީމު ކުރިހޯދިއެވެ. މި ދެ މެޗުގެ ވެސް މޮޅު ކުޅުންތެރިޔާ (ޕްލެޔަރ އޮފް ދަ މެޗު) ގެ މަޤާމު ހޯދީ އެ ޓީމުގެ ޕާކިސްތާނު ކުޅުންތެރިޔާ، ޖާޒީ ނަންބަރު 9، ފަހަދު ރަޒާއެވެ.
ލީގުގެ ތިންވަނަ މެޗުގައި އޮކްޓޫބަރު 19 ވަނަ ދުވަހުގެ ހަވީރު ވާދަވެރި ޕޮލިސް ކުލަބާ ބައްދަލުކޮށް ސީދާ 3-0 ސެޓުން ޑީއެސްސީ މޮޅުވިއިރު، ހަތަރުވަނަ މެޗުގައި އޮކްޓޫބަރު 21 ވަނަ ދުވަހުގެ ރޭ އެޗްޑީސީއާ ވާދަކޮށް ސިފައިން ކުރިހޯދީ 3-1 ސެޓުންނެވެ. މި ދެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑީއެސްސީގެ ޖާޒީ ނަންބަރު 10، ކޯޕްރަލް ޙުސައިން ރައްޒާންއެވެ.
މުބާރާތް ނިންމުމަށް އޮކްޓޫބަރު 21 ވަނަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވަޒީރު އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. އަދި ލީގުގެ ދެވަނަ (ރަނައަޕް) ޓީމު ކަމަށްވާ ޕޮލިސް ކުލަބަށް މެޑަލް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި މުބާރާތުގެ ފަރުދީ ވަނަތަކަށް ބަލާއިރު، ދިވެހި ސިފައިންގެ ކުލަބުން ވަނީ ފަޚުރުވެރި ހަތް މަޤާމެއް ހާސިލުކޮށްފައެވެ. އެގޮތުން އެ ޓީމުގެ ކޯޕްރަލް ޙުސައިން ރައްޒާން ވަނީ ’ބެސްޓް އޮޕޮސިޓް ޕްލެޔަރ‘ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ’މޯސްޓް ވެލިއުބަލް ޕްލެޔަރ‘ (އެމްވީޕީ) ގެ މަޤާމު ހޯދާފައެވެ. މީގެއިތުރުން، ސްޓާފް ސާޖަންޓް ޙުސައިން ޝާހިދަށް ’ބެސްޓް ސެޓަރ’ގެ މަޤާމު ލިބުނުއިރު، ’ބެސްޓް އައުޓްސައިޑް ހިޓަރ‘ ގެ މަޤާމު ލިބުނީ ސްޓާފް ސާޖަންޓް އާދަމް ނަސީމަށެވެ. އަދި ’ބެސްޓް މިޑްލް ބްލޮކަރ‘ ގެ މަޤާމު އާދަމް ފައިރޫޒް ހޯދިއިރު، ’މޯސްޓް ވެލިއުބަލް ފޮރިނަރ‘ ގެ މަޤާމު ހާސިލުކުރީ ޕާކިސްތާނުގެ ފަހަދު ރަޒާއެވެ. މުބާރާތުގެ ’މޯސްޓް ވެލިއުބަލް ކޯޗު‘ ގެ މަޤާމު ލިބުނީ ޑީއެސްސީގެ ކޯޗު، ސާޖަންޓް ފަސްޓް ކްލާސް ޖުނައިދު ޢަބްދުﷲ އަށެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ސިފައިންގެ ބައެއް ޖެނެރަލް އޮފިސަރުންނާއި، އެހެނިހެން އޮފިސަރުންގެ އިތުރުން ދިވެހި ސިފައިންގެ ކުލަބުގެ އިސް ވެރިންނާއި އެކި ރޭންކުތަކުގެ ސިފައިން ބައިވެރިވެ، ޓީމުގެ ކާމިޔާބީ ފާހަގަކޮށްފައިވެއެވެ.