ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި، މާތް ﷲ ދެއްވި އެންމެ މަތިވެރި ނިޢުމަތް ކަމުގައިވާ އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި މުޅި އުންމަތަށް ގޮވާލައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”އިސްލާމްދީނުގެ މަތިވެރި ނިޢުމަތް“ މި މަޢުޟޫއަށެވެ.
ޚުޠުބާގައި ވިދާޅުވީ، އިސްލާމްދީނަކީ މާތް ﷲ އަހަރެމެންނަށްޓަކައި އިޚުތިޔާރުކުރައްވައި، ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީން ކަމަށެވެ. އަދި އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް މި ދީނުގައި ފުރިހަމަވެގެންވާއިރު، މަތިވެރި އަޚުލާޤާއި ހެޔޮ ޢަމަލުތަކުން އިންސާނާ ދުރުކުރާނޭ އެއްވެސް ކަމެއް މި ދީނުގައި ނުވާ ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޤިޔާމަތާ ހަމައަށްވެސް އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގަކީ އިސްލާމްދީން ކަމުގައި ބަޔާންކުރެއްވިއެވެ.
މުޖުތަމަޢުގެ މިހާރުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، ހިތާމައަކީ ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، މާތް ﷲ ކަނޑައަޅުއްވާފައިވާ އިންތަކާއި މިންތަކުން ބޭރުވެ، ދީނީ ވާޖިބުތަކަށް އިހުމާލުވަމުންދާ ކަމެވެ. އަދި ދީނުގެ މަތިވެރި އުޞޫލުތަކާއި އާދަކާދަތަކާ ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވަމުންދާކަން ޚުޠުބާގައި ހިތާމައާއެކު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޙަޤީޤީ މުސްލިމެއްގެ ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް، ނުވަތަ ކޮންމެފަދަ އަނިޔާއެއް ލިބުނު ކަމުގައި ވިޔަސް އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫން ކަމަށެވެ. އަދި ކޮންމެ ފަދަ ފިތުނައެއްގެ ކުރިމަތީގައި ވެސް އޭނާ ހުންނާނީ އޭނާގެ ދީނާއި ޢަޤީދާގައި ސާބިތުވެ ކަމަށް ވިދާޅުވިއެވެ.
”މާތް الله އަހަރެމެންނަށް މަތިވެރިކަމާއި ޝަރަފު ދެއްވައި، ޢިއްޒަތްތެރިކުރެއްވީ މި މަތިވެރި ދީނުގެ ސަބަބުން. މި ދީނަކީ އަހަރެމެންގެ ޢިއްޒަތުގެ ސިއްރެވެ. އަދި އެހެން ހުރިހައި އުންމަތްތަކުގެ މައްޗަށް އަހަރެމެންނަށް ލިބިފައިވާ މަތިވެރިކަމާއި ސިޔާދަތުގެ އަސްލަކީ އިސްލާމްދީން. އިސްލާމީ ތާރީޚަކީ މި ކަމުގެ އަލިގަދަ ހެތްކެއް.“ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ދެއްވި ނަޞޭޙަތުގައި، މުސްލިމުން ދީނާ ދުރަށްދާ ކޮންމެ ހިނދެއްގައި ދުޝްމަނުން އެބައިމީހުންގެ މައްޗަށް ގަދަވެގަނެ ބާރުފޯރުވާކަން ހަނދާންކޮށްދެއްވިއެވެ. އަދި ދުޝްމަނުންގެ މައްޗަށް ގަދަވެގަނެ، މުސްލިމުންނަށް ގެއްލިފައިވާ އާރާއި ބާރު އަލުން އަނބުރާ ލިބޭނީ، މާތް ﷲ ގެ ފޮތަށާއި ކީރިތި ރަސޫލާގެ މާތް ސުންނަތަށް މުސްލިމުން އަލުން އެނބުރި ރުޖޫޢަވެގެން ކަމުގައި ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.