ދިވެހިރާއްޖެއާއި ޢުމާންއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ފުރަތަމަ ފަހަރަށް ބޭއްވި ރަސްމީ މަޝްވަރާ ބައްދަލުވުން، ޢުމާންގެ ވެރިރަށް މަސްކަތުގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މަސްކަތުގައި ކުރިއަށްދިޔަ މި މަޝްވަރާތަކުގައި، ދެ ޤައުމުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއާއި، ނޫ އިޤުތިޞާދުގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި ސަޤާފީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ. މީގެއިތުރުން، ދެ ޤައުމުންވެސް ޝައުޤުވެރިވާ ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ އެކި މައްސަލަތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖިއްޔާގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ ފާޠިމަތު އިނާޔާއެވެ. އަދި ޢުމާންގެ ޚާރިޖީ ވުޒާރާގެ ފަރާތުން ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ ޤައުމުގެ ސިޔާސީ ކަންކަމާ ބެހޭ ފޮރިން ސެކްރެޓަރީ ޝެއިޚް ޚަލީފާ އަލީ އަލް ޙާރިޘީއެވެ. މި މަޝްވަރާތަކުގައި ޢުމާންގެ ޚާރިޖީ ވުޒާރާގެ އޭޝިއާ އަދި ޕެސިފިކް ޑިޕާޓްމަންޓުގެ އިސްވެރިޔާ ޝެއިޚް އަބްދުލްޢަޒީޒު މުޙައްމަދު އަލް ޙުސްނީގެ އިތުރުން ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ވަފުދުން ޢުމާންއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން، އަންޑަރ ސެކްރެޓަރީ ފާޠިމަތު އިނާޔާ ވަނީ ޢުމާން ފުޑް އިންވެސްޓްމަންޓް ހޯލްޑިންގގެ އިސްވެރިންނާވެސް ވަކިން ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓުގެ އައު ފުރުޞަތުތައް ފަހިކުރުމުގެ އިތުރުން، އިޤުތިޞާދީ ގޮތުން ދެމެހެއްޓެނިވި ގޮތްތައް ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންނެވެ.
މީގެއިތުރުން، ޢުމާންގެ އިންވެސްޓްމަންޓް ޕްރޮމޯޝަން އިދާރާގެ ޑިރެކްޓަރ ޖެނެރަލްއާވެސް ފާޠިމަތު އިނާޔާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުން އެންމެ އިސްކަންދޭ ދާއިރާތަކުން ވިޔަފާރިއާއި އިންވެސްޓްމަންޓުތައް އިތުރުކުރުމަށާއި، މި ދާއިރާތަކުން އެންމެ ރަނގަޅު އުސޫލުތަކާއި ފަންނީ ތަޖުރިބާ ހިއްސާކޮށް، ދެ ޤައުމުގެ އިޤުތިޞާދީ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.