ޗައިނާގެ ޓިބެޓަށް ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ.

ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ޓިބެޓް ސަރަހައްދަށް ރެކްޓާ މިންގަނޑުން 7.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ބަޔަކަށް އަނިޔާވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީ ކަމަށްވާ ޒިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބިންހެލުމުގެ ސަބަބުން ބަޔަކަށް އަނިޔާވި ނަމަވެސް، އަނިޔާވި މީހުންގެ ސީދާ އަދަދާއި އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން މައުލޫމާތު ދޭ ގޮތުގައި، މި ބިންހެލުން އުފެދިފައި ވަނީ ނަގްކޫގެ އިރުއުތުރުން ގާތްގަނޑަކަށް 190 ކިލޯމީޓަރު ދުރުގައި އޮންނަ ފަރުބަދަމަތީ ސަރަހައްދަކަށެވެ. އަދި މި ބިންހެލުމުގެ ސީދާ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ބާކެން ކައުންޓީގެ މާރޫ ޓައުންޝިޕަށެވެ.
މާރޫ ޓައުންޝިޕްގެ ޑެޕިއުޓީ ހެޑް ލަވަންގް ޑަގްޕޯ ވިދާޅުވީ، ބިންހެލުމުގެ ވަރުގަދަ ލޮޅުންތައް އެ ޓައުންޝިޕްގެ އޮފީހަށް ވެސް ވަރަށް ބޮޑަށް އިހުސާސް ކުރެވުނު ކަމަށާއި، އޮފީސް އިމާރާތުގެ އެކި ފާރުތަކުގައި ބޮޑެތި ރެނދުތައް ލާފައިވާ ކަމަށެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ބައެއް ގެތައް ވެއްޓިފައިވާ ކަމަށާއި، ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް މެދުކެނޑި، ބޮޑެތި ބުރޫތަކެއް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ކާރިސާއާ ގުޅިގެން ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ލެވެލް ދޭއްގެ ކުއްލި ނުރައްކަލުގެ ހާލަތު (އިމަޖެންސީ ރެސްޕޮންސް) އިއުލާނުކޮށްފައެވެ. އަދި ގެއްލުން ލިބުނު ސަރަހައްދުތަކަށް ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ޓީމުތައް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެ ސަރަހައްދުގެ އޮފިޝަލުން އަންނަނީ އަވަށްތަކާއި ވިލެޖުތަކުގެ ހާލަތު ވަރަށް ގާތުން ބަލައި، ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޖިއޮގްރަފީ ގޮތުން ބަލާއިރު ޗައިނާއަކީ ބިންހެލުންތައް އުފެދޭ ޓެކްޓޯނިކް ޕްލޭޓްތަކުގެ ކައިރީގައި އޮންނަ ގައުމަކަށް ވާތީ، އެ ގައުމަކީ އާންމުކޮށް ވެސް ބާރުގަދަ ބިންހެލުންތަކުގެ ނުރައްކަލާ ކުރިމަތިލާންޖެހޭ ގައުމެކެވެ.