މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިސްނަގައިގެން، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ޚާއްޞަ ސަރޖިކަލް ކޭމްޕެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތާއި ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދާ މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 29 އިން 31 ގެ ނިޔަލަށެވެ. މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމެވެ.

މި ދަތުރުގައި އައިޖީއެމްއެޗުގެ ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނޭހެން ތަފާތު އެކި ދާއިރާތަކަށް ޚާއްޞަ 9 ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މި ޓީމުން ބަލިމީހުން ބެލުމާއި، ސަރޖިކަލް ކޮންސަލްޓޭޝަން ދިނުމުގެ އިތުރުން، ކަމާގުޅޭ އޮޕަރޭޝަންތަކާއި ފަރުވާތައް ވެސް ފޯރުކޮށްދޭނެއެވެ.
ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމު:
- ޑރ. ޢަބްދުﷲ އުބައިދު – އާންމު އޮޕަރޭޝަން އަދި ލަޕަރޮސްކޮޕިކް އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު
- ޑރ. މުޙައްމަދު ޝަރީﷲ ޢަބްދުލް މަޖީދު – އާންމު އޮޕަރޭޝަން އަދި ލަޕަރޮސްކޮޕިކް އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު
- ޑރ. ހައްމާދު އާދަމް – ބޮޑުގޮހޮރާއި ފުރަގަސްފަރާތުގެ އޮޕަރޭޝަންތަކާއި ގުނަވަންތަކުގެ ކެންސަރަށް ކުރާ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު
- ޑރ. މުޙައްމަދު ޝިފާން – ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރު
- ޑރ. ޢާއިޝަތު އަޒްނާ ޢަލީ – ހިމަގޮހޮރުގެ ބަލިތަކާއި ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ކުރާ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު
- ޑރ. ޢަބްދުﷲ އަދްސަރު – ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރު
- ޑރ. ހުސައިން ހަމީދު – ލޭހޮޅިތަކުގެ ބަލިތަކަށް ކުރާ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރު
- ޑރ. މުޙައްމަދު ވަޙީދު – ޕްލާސްޓިކް އަދި ރީކޮންސްޓްރެކްޓިވް ސާޖަރީގެ އިތުރުން ފަސޭހަނުވެ ގިނަ ދުވަސްވީ ފާރުތަކުގެ ފަރުވާއަށް ޚާއްޞަ ޑޮކްޓަރު
- ޑރ. މުޙައްމަދު ރިފްޝާން އިސްމާއިލް – ޕްލާސްޓިކް އަދި ރީކޮންސްޓްރެކްޓިވް ސާޖަރީގެ އިތުރުން ފަސޭހަނުވެ ގިނަ ދުވަސްވީ ފާރުތަކުގެ ފަރުވާއަށް ޚާއްޞަ ޑޮކްޓަރު
އައިޖީއެމްއެޗުން ފާހަގަކުރި ގޮތުގައި، މިފަދަ ކޭމްޕުތައް އަތޮޅުތަކުގައި ކުރިއަށްގެންދިއުމުގެ މައިގަނޑު އަމާޒަކީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް، އަމިއްލަ ރަށާ ނުވަތަ އަތޮޅާ ވީހާވެސް ކައިރިން ލިބޭނެ ފަސޭހަ މަގު ތަނަވަސްކޮށްދިނުމެވެ. މި ދަތުރުގެ ސަބަބުން ސިއްޙީ ފަރުވާއަށް މާލެއަށް ދަތުރުކުރުމަށް ރައްޔިތުން ކުރަންޖެހޭ ޚަރަދާއި އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.