”ހަށިހެޔޮރާއްޖެ“ ޕްރޮގްރާމުގެ ދަށުން ސްޕޯޓްސް ކައުންސެލަރުން ތަމްރީނުކުރުމުގެ މުހިންމު ސެޝަންތަކެއް މާލޭގައި ފަށައިފި.

ދިވެހިރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ، ސިއްހަތު ރަނގަޅު އާބާދީއަކަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ޤައުމީ ޕްރޮގްރާމު ”ހަށިހެޔޮރާއްޖެ“ ގެ ދަށުން، ސްޕޯޓްސް ކައުންސެލަރުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޚާއްސަ ސެޝަންތަކެއް މާލޭގައި ފަށައިގެން ކުރިއަށް އެބަދެއެވެ. މި މަހުގެ 22 އިން 24 ގެ ނިޔަލަށް، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ޕްރެކްޓިކަލް އަދި ތިއަރީ ބައިތައް ހިމަނައިގެން، ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މާލޭގައި ފެށި މި ޕްރޮގްރާމުގައި ރާއްޖޭގެ 15 އަތޮޅަކުން ސްޕޯޓްސް ކައުންސެލަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހއ، ހދ، ށ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ޏ. އަދި އައްޑޫ ސިޓީ ހިމެނެއެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި މި ތަމްރީނުތަކުގައި ބައިވެރިވަނީ އެ ރަށްރަށުގައި މަސައްކަތްކުރައްވާ ސިވިލް އަދި ޕޮލިޓިކަލް މުވައްޒަފުންނެވެ. އަދި މި ބުރުގެ ތަމްރީނުތަކާއެކު މި ޕްރޮގްރާމުގެ ދަށުން މުޅި ރާއްޖެ އެއްކޮށް މިހާރު ވަނީ ކަވަރުކުރެވިފައެވެ.


މި ތަމްރީނު ހަރަކާތް ފަށާފައިވަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މުހިންމު އަސާސްތައް އުނގަންނައިދިނުމާއި، ކުޅިވަރުގެ ދާއިރާގައި މަނާކޮށްފައިވާ ބޭސްތަކަށް އަހުލުވެރިކުރުވުމުގެ ސެޝަންތަކުންނެވެ. މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އޭޖެންސީގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ސެޝަންތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، ކުޅިވަރު ވުޒާރާގެ ޑިރެކްޓަރ ޝިއުނާ ޚާލިދު ވިދާޅުވީ މި ސެޝަންތަކުގެ ސަބަބުން ބައިވެރިންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔަ ކަމަށެވެ.
”މި ސެޝަންތަކުން އާންމުކޮށް މުވައްޒަފުންނަށް ނޭނގޭ ވަރަށް ގިނަ މައުލޫމާތު ލިބިގެންދިޔަ. މިސާލަކަށް ކުޅިވަރުގައި ގަސްދަކާ ނުލާ މި ބޭނުންކުރާ އެކިއެކު ސަޕްލިމެންޓްތައް ބޭނުންކުރުމުން ލިބޭ ގެއްލުންތަކުގެ މައުލޫމާތު ލިބިގެންދިޔަ،“ ޝިއުނާ ވިދާޅުވިއެވެ.


މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތަކާއި ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ވެސް މުހިންމު ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އަމަލީ ތަމްރީނުތަކުގެ ތެރޭގައި މޫދުގައި ކަސްރަތު ކުރާނެ ގޮތްތަކާއި، ”ވީރު ޖިމް“ އާ ގުޅިގެން އިންޑޯ އަދި އައުޓްޑޯ ޖިމްތަކުގައި ހުންނަ ވަސީލަތްތައް ބޭނުންކުރާނެ ރަނގަޅު ގޮތްތަކުގެ މައުލޫމާތާއި އިރުޝާދު ވަނީ ދީފައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ތަމްރީނު ފުރިހަމަކުރާ ސްޕޯޓްސް ކައުންސެލަރުން އެބޭފުޅުންގެ ރަށްރަށަށް އެނބުރި ގޮސް، އެ ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމުތައް ރާވައި ހިންގުމެވެ. މިގޮތުން އެ ރަށަކުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން، މޫދާއި، އައުޓްޑޯ ޖިމްތަކާއި، އަދި ކުޅިވަރު ދަނޑުތަކުގައި ކަސްރަތު ޕްރޮގްރާމުތައް ހިންގުން ކައުންސެލަރުންނަށް ވަނީ ލާޒިމުކޮށްފައެވެ.