ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޚާއްޞަ ޝެލްޓަރެއް އައްޑޫގައި: އަންނަ ޖެނުއަރީގައި ޚިދުމަތް ދޭން ފަށަނީ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމުގެ ގޮތުން، އައްޑޫ ސިޓީގައި ތަރައްޤީކުރަމުން އަންނަ ޑޮމެސްޓިކް ވަޔަލަންސް ޝެލްޓަރު (ވަގުތީ ހިޔާ) ގެ ޢަމަލީ މަސައްކަތްތައް ނިންމައި، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި މި މަޝްރޫޢާ ގުޅޭ ތަފްޞީލު ޙިއްޞާކުރައްވަމުން އެ ވުޒާރާގެ ލީޑް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ އަކްރަމް ޙުސައިން ވިދާޅުވީ، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު ރާއްޖޭގެ ތިން ސަރަޙައްދެއްގައި މިފަދަ ވަގުތީ ހިޔާތައް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރެއިން އައްޑޫ ސިޓީގެ ޝެލްޓަރު އެޅުމުގެ ޢަމަލީ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ހަލުވިކަމާއެކު ކުރިއަށްދާއިރު، ހުޅުމާލެ އަދި ރ. އުނގޫފާރުގައިވެސް މިފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިންތީގެ ހަމަހަމަކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ދިރާސާތަކެއް ކުރެވެމުންދާ ކަމަށާއި، އިޖުތިމާޢީ ދާއިރާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.


ލާމަރުކަޒީ ނިޒާމާއި ”އިބަމަ“ ގެ ކާމިޔާބީ

ކޮމިޓީގައި ވާހަކަދައްކަވަމުން އިޖުތިމާޢީ އެހީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޒީނާޒް ޢަދުނާން ވަނީ ރަށްރަށުގައި ޤާއިމުކޮށްފައިވާ ”އިޖުތިމާޢީ ބަދަހި މަދަދުވެރިން“ (އިބަމަ) ނިޒާމުގެ ދައުރަށް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ އުޞޫލުން މުޖުތަމަޢާ ގާތުން މައްސަލަތައް ދެނެގަނެ، އަނިޔާ ލިބޭ ފަރާތްތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ”އިބަމަ“ ގެ ސަބަބުން ވަރަށް ބޮޑު ބާރަކަށް ވެގެންގޮސްފައިވާ ކަމަށާއި، އެކަމުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.

ނިމިދިޔަ 2025 ވަނަ އަހަރުގެ މައްސަލަތަކުގެ ތަފާސްހިސާބު

އެ ވުޒާރާއިން މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިޖުތިމާޢީ އަދި ގެވެށި އަނިޔާގެ ގިނަ މައްސަލަތަކެއް ފާއިތުވި އަހަރު ވަނީ ރިޕޯޓުކުރެވިފައެވެ:

  • ކުޑަކުދިންނަށް ކުރާ އަނިޔާ: 18 އަހަރުން ދަށުގެ ކުދިންނާ ގުޅޭ ޖުމްލަ 1,800 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނަށް ލިބުނު އެކިވަރުގެ ގެއްލުންތަކާ ގުޅޭ 961 މައްސަލައަކާއި، ފިރިހެން ކުދިންގެ 904 މައްސަލައެކެވެ.
  • ގެވެށި އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ: މިފަދަ ޖުމްލަ 711 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި އަންހެނުންނާ ގުޅުންހުރި 548 މައްސަލައާއި، ފިރިހެނުންނާ ގުޅޭ 163 މައްސަލަ ހިމެނެއެވެ. މި ބައިގައި ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ މައްސަލަތައްވެސް ހިމެނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ޢާއިލާތަކާ ޙަވާލުކުރުން

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ދައުލަތުގެ މަރުކަޒުތަކުގައި ތިބޭ ކުދިން ޢާއިލީ ވެއްޓަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ”ކޮންމެ ކުއްޖަކަށް އާއިލާ“ ޕްރޮގްރާމުގެ ކާމިޔާބީވެސް މި ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ފާއިތުވި 2025 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުން 14 ކުއްޖަކަށް ފޮސްޓަރ ޢާއިލާ (އަލަށް ބަލަދުއަރާ ޢާއިލާ) ހޯދައިދެވިފައިވާ ކަމަށާއި، އިތުރު 22 ކުއްޖަކު އަނބުރާ އެކުދިންގެ އަސްލު ޢާއިލާތަކާ ގުޅުވައިދެވިފައިވާ ކަމަށް އެ ވުޒާރާއިން މަޖިލީހުގެ ކޮމިޓީގައި ވަނީ ބަޔާންކޮށްފައެވެ.