ސްރީލަންކާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް 5 މިލިއަން ރުޕީސްއަށް ވުރެ އަގުހުރި ޒަރޫރީ ބޭސް ހަދިޔާކޮށްފިއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 233,162 ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.
މި އެހީ ރަސްމީކޮށް ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖޭގެ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ އެދުމަކަށް ފޯރުކޮށްދިން މި ބޭސްތަކުގެ ޝިޕްމަންޓް ރާއްޖެއާ ހަވާލުކޮށްދެއްވީ ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދަ ޖަޔަތިއްސައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގެންނެވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްޢޫދު ޢިމާދެވެ.
މި އެހީ ރާއްޖެއަށް ފޯރުކޮށްދިނުމުގައި ސްރީލަންކާގެ މެޑިކަލް ސަޕްލައިސް ޑިވިޝަނާއި، ސްޓޭޓް ފާމަސޫޓިކަލް މެނުފެކްޗަރިން ކޯޕަރޭޝަން (އެސްޕީއެމްސީ) އަދި ޗެމްބަރ އޮފް ފާމަސޫޓިކަލް އިންޑަސްޓްރީ އޮފް ސްރީލަންކާގެ ފަރާތުން ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައެވެ. މި ރަސްމިއްޔާތުގައި އެ ގައުމުގެ ހެލްތު މިނިސްޓްރީގެ އިސް ވެރިންނާއި، ފާމަސޫޓިކަލް ދާއިރާގެ އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބޭސް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު މަސްޢޫދު ޢިމާދު ވަނީ، ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަގެ ޒައާމަތުގައި ސްރީލަންކާ ސަރުކާރުން ވެދެއްވި މި ދީލަތި އެހީތެރިކަމަށްޓަކައި އެ ގައުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ބަދަހި ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްކަން ވެސް ހައިކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިއްހީ ދާއިރާއިން އެއްބާރުލުން އިތުރުކުރަމުން އަންނައިރު، ލަންކާގެ ރައީސް ދިސާނަޔަކަގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ މެއި މަހުގެ 3 އިން 6 އަށް ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ކޮޅުނބުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި، ސިއްހީ ދާއިރާ ކުރިއެރުވުމަށް ދެ ގައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.