އދ. އަކީ އިތުބާރު ކުރެވޭ، ޒިންމާދާރު، އަދި އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާއަކަށް ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ އދ. ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ.
އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ، އދ. ގެ އިތުބާރު ބިނާވެފައިވަނީ އެއްޤައުމު އަނެއްޤައުމަށް ކުރާ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށް ކަމަށެވެ. އަދި އެކަން ޙާޞިލުކުރެވޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ފުރިހަމަޔަށް އިޙްތިރާމްކޮށް، ބައިނަލްއަޤްވާމީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓައި، ޤައުމުތަކުގެ މެދުގައި ކުރެވިފައިވާ މުޢާހަދާތައް ފުރިހަމައަށް ތަންފީޒު ކުރެވިގެން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރަޙައްދީ ސިޔާސީ ނުވަތަ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޛުކުރުމުގައި ހަމަހަމަކަން ނެތުމުގެ އިތުރުން ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް ޤައުމުތައް ކުރިއަށްދިއުމުގައި ހުރި ގޮންޖެހުންތަކަކީ، އެ އިތުބާރު ގެއްލިގެންދާ މައިގަނޑު ސަބަބުތަކެވެ. މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ޚާއްޞަކޮށް އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ ފަލަސްޠީނު ފަދަ ޤައުމުތަކުގެ އިންސާނިއްޔަތަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން އެމަނިކުފާނު ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތަރައްޤީވަމުންއަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ ކުރިއެރުމަށާއި ވިލުންތެރިކަމަށް ހުރި ހުރަސްތަކަށް އަލިއަޅުއްވާލައްވަމުން، މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަޞީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި، ދެމެހެއްޓެނިވި ނޫންގޮތުގައި ނެގޭ ދަރަނީގެ މައްސަލަތައް ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގެ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ މުސްތަޤްބަލު ކަނޑައެޅުމުގެ މިނިވަންކަމާއެކު، ޤައުމީ އަމާޒުތައް ޙާޞިލުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަގުތައް ފަހިވެފައި އޮތުމަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ރާއްޖެއިން ކުރާ އުންމީދުތައް ޙާޞިލުކުރުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި، ރައްޔިތުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށާއި، އިޤްތިޞާދު ވަރުގަދަކުރުމުގެ އިތުރުން، ބޭރުން ކުރިމަތިވާ އެކި ގޮންޖެހުންތަކާ ދެކޮޅަށް ވިލުންތެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި، އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ، ހުރިހާ ޤައުމެއްގެ އަޑު އެއްހަމައެއްގައި އަހާ، އަދި އެއްވެސް ޤައުމެއްގެ މުސްތަޤްބަލު އެހެން ޤައުމެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަކަށް މަގުފަހިކޮށްދޭ ޖަމާޢަތެއްގެ ގޮތުގައި ދެމިއޮތުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުނިޔޭގެ ޞުލްޙަ މަސަލަސްކަމަށް އިޙްތިރާމްކުރުމާއި، ޢަދުލުއިންޞާފު ޤާއިމުކުރުމާއި، އަދި ކޮންމެ ދައުލަތަކަށްވެސް އެ ދައުލަތެއްގެ މުސްތަޤްބަލު އަމިއްލައަށް ބައްޓަންކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށްޓަކައި، ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.