އަރުމޭނިއާގެ ޔެރެވާންގައި މިހާރު ކުރިއަށްދާ ދިރުންތަކުގެ ނަސްލީ ތަފާތުތަކާ ބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުން (ސީބީޑީ ކޮޕް17) ގައި، ދިވެހިރާއްޖޭގެ ޤައުމީ އިކޯސިސްޓަމް ޗާޓު ނުވަތަ ”ނޭޝަނަލް އިކޯސިސްޓަމް މެޕިންގް“ ކާމިޔާބުކަމާއެކު ދައްކާލައިފިއެވެ.
މި މުހިންމު މަސައްކަތް ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ހުށަހަޅާފައިވަނީ 2026 އޮކްޓޫބަރު 24 ވީ ދުވަހު ބޭއްވުނު ”މޯލްޑިވްސް ނޭޝަނަލް އެކްސެލެރޭޓަރ: ފްރޮމް އިކޯސިސްޓަމް ޑޭޓާ ޓު ކަންޓްރީ އެކްޝަން“ ސެޝަންގައެވެ. މިއީ ”ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސް“ ގެ ފުރަތަމަ ޤައުމީ އެކްސެލެރޭޓަރގެ ގޮތުގައި ރާއްޖެއިން އިސްނަގައިގެން ކުރިއަށްގެންދިޔަ އަގުހުރި މަސައްކަތެކެވެ.

މި ހަރަކާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) ގެ ޑިރެކްޓަރ އޮފް އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް، ރިފްޢަތު ނަޢީމް ވިދާޅުވީ، ޤައުމީ ފެންވަރުގައި އެއްކުރެވޭ އިކޯސިސްޓަމްގެ މަޢުލޫމާތުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި މި މަޢުލޫމާތުގެ އެހީގައި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ތައްޔާރުކުރުމަށާއި، ޖާގަ ބޭނުންކުރުމުގެ ޕްލޭން (ސްޕޭޝަލް ޕްލޭނިންގ) އެކުލަވާލުމުގެ އިތުރުން ތިމާވެށީގެ ގޮތުން ނާޒުކު ސަރަޙައްދުތައް ދެނެގަތުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ޗާޓު އެކުލަވާލުމުގައި ޢަމަލުކުރެވުނު ގޮތުގެ ތަފްސީލު ހިއްސާކުރައްވަމުން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް، އަޙްމަދު ޝާން ވިދާޅުވީ، މި މަސައްކަތުގައި ޤައުމީ ފެންވަރުގެ މާހިރުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. އެގޮތުން އެކި ވޯކްޝޮޕްތައް ބޭއްވުމާއި، ސީދާ މައިދާނަށް ނުކުމެ މަޢުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، އެކި މަރުޙަލާތަކަށް ބަހާލައިގެން ފަންނީ ދިރާސާތަކެއް ކުރެވުނު ކަމަށް ޝާން ވިދާޅުވިއެވެ. މީގެއިތުރުން، މި ޗާޓު އެކުލަވާލުމުގައި ރާއްޖޭގެ ލޯކަލް މަޢުލޫމާތުތަކުގެ އިތުރުން ”އާތު އޮބްޒަވޭޝަން“ އާއި ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ހާމަކުރި ގޮތުގައި، މި އިކޯސިސްޓަމް ޗާޓަކީ ޤައުމީ ބޭސްލައިނެއްގެ ގޮތުގައި އެންމެހައި ފަރާތްތަކަށްވެސް ބޭނުންކުރެވޭނެހެން އާންމުކޮށް ހުޅުވާލެވިގެންދާނެ އެއްޗެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަސައްކަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ މުއްސަނދި ކަނޑުގެ މާހައުލުތަކާއި ފަރުތަކުގެ އިކޯސިސްޓަމްތައް މި ޗާޓުގައި ހިމެނުމަކީ ރާއްޖޭގެ މުހިންމު އަމާޒެއް ކަމަށްވެސް އެ ސެޝަންގައި ވަނީ ބަޔާންކޮށްފައެވެ.