ތަރުބިއްޔަތާއި މިނިވަންކަން: އޮޅިފައިވާ ދެ ވިސްނުމުގެ ނުރައްކާ!

މިއަދު އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގެ ކޮންމެ ގެއަކުންނާއި މަގުމައްޗަކުން ފެންނަމުންދަނީ ކަންބޮޑުވާންޖެހޭ ފަދަ މަންޒަރުތަކެކެވެ. އަދަބުއަޚްލާޤު ކުޑަވުމާއި، މަސްއޫލިއްޔަތު އުފުލަން ނޭނގޭ ޖީލެއް އުފެދެމުންދާ މަންޒަރެވެ. މިކަމުގެ އަޑިއަށް އިތުރަށް ފީނައިލާއިރު، މި މައްސަލައިގެ އަސްލު ގޮސް ގުޅެނީ ތަރުބިއްޔަތާއި މިނިވަންކަމުގެ މާނަ މުޖުތަމަޢުގައި އޮޅިފައިވާ ނުރައްކާތެރި އޮޅުމާއެވެ. އަޅުގަނޑުމެންނަށް މިއުޅެނީ ދަރިން ތަރުބިއްޔަތުކުރުމުގެ ޙަޤީޤީ މަޤްޞަދު ނޭނގި، މިނިވަންކަމުގެ ނަމުގައި ޙައްދުފަހަނައަޅައި ދެވޭ ދެވުމެއްގެ ތެރޭގައެވެ.
ފުރަތަމަ ކަމަކަށް، ”ތަރުބިއްޔަތު“ އާއި ”ޚަރަދުބެލެހެއްޓުން“ މިއަދު މިވަނީ ވަރަށް ބޮޑަށް އޮޅުންއަރައިފައެވެ. ގިނަ މައިންބަފައިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކުއްޖާއަށް ކާންބޯންދީ، އަގުބޮޑު އަންނައުނު ހޯދައިދީ، އެންމެ މޮޅު ސްކޫލަށާއި ޓިއުޝަނަށް ފޮނުވުމަކީ ތަރުބިއްޔަތު ކަމުގައެވެ. އަދި ބޭނުންވާހައި މާއްދީ ތަކެއްޗެއް ކަމުގައިވާ ސްމާޓްފޯނާއި، ލެޕްޓޮޕާއި، ސައިކަލް ހޯދައިދިނުމުން ވާޖިބު އަދާކުރެވުނީ ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ޚަރަދު ބެލެހެއްޓުމެވެ. އެއީ ތަރުބިއްޔަތެއް ނޫނެވެ. ޙަޤީޤީ ތަރުބިއްޔަތަކީ ރަނގަޅާއި ނުބައި ވަކިކުރަން ދަސްކޮށްދިނުމެވެ. ރުޅި ކޮންޓްރޯލް ކުރާނެ ގޮތާއި، މީހުންނަށް އިޙްތިރާމްކުރާނެ ގޮތާއި، ދިރިއުޅުމުގައި ދިމާވާ ނާކާމިޔާބީތަކާ ކެރިގެން ކުރިމަތިލާނެ ގޮތް އުނގަންނައިދިނުމެވެ. މާއްދިއްޔަތަށް އިސްކަންދިނުމުގެ ނަތީޖާއެއްގެ ސަބަބުން، ގޭތެރޭގައި އެއް މޭޒެއްގެ ދޮށުގައި ކެއުމާއި، ދުވަހުގެ ކަންކަމާ މެދު ވާހަކަދައްކައި ޚިޔާލު ބަދަލުކުރުމުގެ ރިވެތި އާދަ ވަނީ ނެތިގޮސްފައެވެ. މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަ ގުޅުން ހަނިވެފައިވަނީ ހަމައެކަނި އަމުރުކުރުމާއި، ތަކެއްޗަށް އެދުމުގެ މުޢާމަލާތަކަށެވެ.

ކުޑަކުޑަ ޢާއިލާއެއް

ދެވަނަ ކަމަކަށް ފާހަގަކުރެވެނީ، މިނިވަންކަމުގެ ނަމުގައި ދެވޭ އިހުމާލެވެ. ”މޮޑަން ޕޭރެންޓިންގ“ ނުވަތަ ޒަމާނީ ބެލެނިވެރިކަމުގެ ނަމުގައި، ކުއްޖާ ހިތްހަމަނުޖެހިދާނެތީ އެއްވެސް ކަމަކަށް ހުރަސްނޭޅުމަކީ ކުއްޖާއަށް ދެވޭ ލޯތްބާއި މިނިވަންކަން ކަމުގައި ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް މިއީ މިނިވަންކަމުގެ ނިވަލުގައި ވެވޭ ބޮޑު އިހުމާލެކެވެ. ކޮންމެ އިންސާނަކަށްވެސް، ޚާއްޞަކޮށް ޅަ ސިކުނޑިތަކަށް ރައްކާތެރިކަން އިޙްސާސްވަނީ ވަކި އިންތަކަކާއި ހަމަތަކެއް ހުރެގެންނެވެ. ހިތުހުރި ގަޑިއެއްގައި ގެއަށް އައުމާއި، އުޅޭ ނޫޅޭ ބަޔަކު ނުބެލުމާއި، ސްކްރީން ބޭނުންކުރުމުގައި އެއްވެސް ހިފެހެއްޓުމެއް ނެތުމަކީ މިނިވަންކަމެއް ނޫނެވެ. އެއީ ދޫދޫކޮށްލުމާއި ހައްދުފަހަނައެޅުމެވެ. އަދި ކުއްޖާ ކުރާ ކުށުގެ ޒިންމާ އަމިއްލައަށް އުފުލަން ދަސްނުކޮށްދީ، މައިންބަފައިން އެކަންކަން ފޮރުވައި ދިފާޢުކުރަން ފެށުމުން، މުޖުތަމަޢުގެ އެއްވެސް ޤާނޫނަކަށް ނުވަތަ ޤަވާޢިދަކަށް ބޯލަނބަންޖެހޭނެ ކަމުގެ އިޙްސާސެއް ކުއްޖާގެ ކިބައަކު އަށައެއް ނުގަނެއެވެ.
މީގެއިތުރުން، މިއަދުގެ ޖީލު ބޮޑުވަމުން މިދަނީ ”ސްކްރީން ތަރުބިއްޔަތު“ ގައެވެ. މިއަދުގެ ކުދިންގެ އެންމެ ބޮޑު މުރުޝިދަކީ ނުވަތަ އެދުރުދައިތައަކީ ޓިކްޓޮކާއި، އިންސްޓަގްރާމާއި، ޔޫޓިއުބެވެ. ޅަފަތުގައި ސްކްރީނަށް ދެވިހިފުމުގެ ސަބަބުން (Dopamine addiction)، ކަންކަމުގައި ކެތްތެރިވުމާއި ބުރަ މަސައްކަތުން ނަތީޖާ ހޯދުމުގެ ވިސްނުން ކުދިންގެ ކިބައިން ގެއްލެއެވެ. އެންމެ ސިކުންތެއްގެ ތެރޭގައި ބޭނުންވާ ކަމެއް ނުވުމުން ރުޅިގަދަވެ، މާޔޫސްވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޙަޔާތުގެ އަގުތައް ބަދަލުވެ، ދިރިއުޅުމުގެ އެންމެ ބޮޑު މަޤްޞަދަކީ ވައިރަލްވުމާއި، މަޝްހޫރުވުމާއި، ފަސޭހައިން ފައިސާ ހޯދުން ކަމުގައި ދެކެން ފަށައެވެ. އަދި އިސްލާމީ ރިވެތި އަދަބުތަކާއި، އިޙްތިރާމާއި، ލަދުވެތިކަމަކީ ބާވެފައިވާ ކަންކަމުގެ ގޮތުގައި އެކުދިންގެ ސިކުނޑިތަކަށް ވިސްނައިދެއެވެ.
މި ހިތާމަވެރި ޙާލަތުގައި ހުރިހާ އިނގިއްޔެއް ޒުވާނުންނާ ދިމާއަށް ދިއްކުރުމަކީ އިންޞާފެއް ނޫނެވެ. ޒުވާނުންނަކީ މުޖުތަމަޢުން އެކުދިންނަށް ދެއްކި މަގުން، ދިން ތަރުބިއްޔަތެއްގެ މަތީގައި ހިނގި ބައެކެވެ. އެހެންކަމުން މީގެ ޙަޤީޤީ ޙައްލު އޮތީ މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ އަތްމަތީގައެވެ. އެގޮތުން، ”ހަރުދަނާ އަޅާލުން“ ދޭން ދަސްކުރަންޖެހެއެވެ. ލޯތްބާއެކު އަޅާލުން ދޭއިރުވެސް، ހަރުދަނާ އިންތަކެއް ކަނޑައަޅައި، ދަރިން އެދޭ ކޮންމެ އެއްޗަކަށް ”އާނއެކޭ“ ނުބުނެ، ކަންކަމަށް ކެތްތެރިވާން ދަސްކޮށްދޭންޖެހެއެވެ. މާއްދީ ހަދިޔާތަކަށްވުރެ މައިންބަފައިންގެ ވަގުތު މާ އަގުބޮޑުކަން ދަނެ، ގޭތެރޭގައި ހަމަޖެހޭ މާޙައުލެއް ޤާއިމުކުރަންޖެހެއެވެ. ހަމައެއާއެކު، އިސްލާމީ ދިރިއުޅުމަކީ ހަމައެކަނި އަޅުކަމެއް ނޫންކަމާއި، އެއީ މީހުންނާ މުޢާމަލާތްކުރުމުގެ ރިވެތި އުޞޫލުތައްކަން ޢަމަލުން ދައްކައިދޭންޖެހެއެވެ. އަދި ސްކޫލްތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ކުދިން ހެޔޮމަގުގައި ބިނާކުރުމުގެ އިޖުތިމާޢީ ރޫޙު އަލުން ދިރުވަންޖެހެއެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިއުޅެނީ ތަރުބިއްޔަތު ދޭނެ ޞައްޙަ ގޮތް ނޭނގި، އަދި މިނިވަންކަމަކީ ކޮބައިކަން އޮޅިފައިވާ މައްސަލައެވެ. ދުނިޔެވީ ބާރުގަދަ އޮއިވަރުތަކުގެ ތެރެއަށް އަޅުގަނޑުމެންގެ ލޯބިވާ ދަރިން ބެހިގެންދާއިރު އަތްނުލެވި ބަލަން ތިބެވޭކަށް ނެތެވެ. މިނިވަންކަމަކީ ޒިންމާދާރުކަމާއެކު ދެވޭ އެއްޗަކަށް ހަދައި، އިސްލާމީ ރިވެތި ތަރުބިއްޔަތުން ދަރިންގެ ހިތްތައް ފުރާލައިގެން މެނުވީ، އަމާން އަދި އުފާވެރި މުސްތަޤްބަލެއް މި ޤައުމަކަށް ނުލިބޭނެއެވެ.