ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ އަލިމަސް ޔޫބީލްގެ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުޓުބޯޅައިގެ ޝަހުސިއްޔަތެއް ހޮވުމަށް ”ޑައިމަންޑް ޖޫބިލީ ކޮމިޓީ“އިން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އަލިމަސް ޔޫބީލްގެ ހަރަކާތްތަކަށް ހާއްސަކޮށް އުފައްދާފައިވާ އެ ކޮމިޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފުޓުބޯޅަ ޝަހުސިއްޔަތު ހޮވުމުގެ މަސައްކަތް ހަވާލުކުރާނީ އެ ރަށެއްގެ ކައުންސިލާއި ކުލަބު ޖަމުއިއްޔާތަކަށެވެ. މީގެ މަގްސަދަކީ ދިވެހި ފުޓުބޯޅައިގެ ދިގު ތާރީޚުގައި އެކި ރަށްރަށުން އެކި ދާއިރާތަކުން ފުޓުބޯޅައަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގުވަޒަންކުރުމެވެ.
”ޑައިމަންޑް ޖުބިލީ ކޮމިޓީ“އަށް މެމްބަރުން ހޮވާފައިވަނީ ރާއްޖޭގެ ފުޓުބޯޅަ ކުލަބުތަކުންނެވެ. މި ކޮމިޓީގެ ޗެއާމަނެއްގެ ގޮތުގައި އަލީ ސުޒެއިން ހަރަކާތްތެރިވާއިރު، ވައިސް ޗެއާމަނެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙްމަދު މުބީނެވެ. މި ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ދެން ހިމެނިވަޑައިގަންނަވަނީ ކްލަބް ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީން އާއި ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ލަތީފް މުހައްމަދެވެ.
ކޮމިޓީގެ މަސައްކަތްތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކޮމިޓީން އިޢުލާނުކޮށްފައިވަނީ ރާއްޖޭގެ ކޮންމެ ރަށެއްގެ ތާރީޚުގައި ވެސް އެ ރަށަކުން އެންމެ ވަރުގަދަ ފުޓްބޯޅައިގެ ޝަހުސިއްޔަތު ހޮވުމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ ޗެއާމަން ސުޒެއިން ވިދާޅުވީ ރަށްރަށުގައި ފުޓްބޯޅަ ޝަހުސިއްޔަތަކަށް އެ ރަށެއްގެ ކުޅުންތެރިއަކަށް ނުވަތަ ރެފްރީއަކަށް ނުވަތަ ފުޓްބޯޅަ ނޫސްވެރިއަކަށް ނުވަތަ ކޮމަންޓޭޓަރަކަށް ވެސް ވެވިދާނެ ކަމަށެވެ. ”ވަރަށް މޮޅު ކުޅުންތެރިޔެއް ހުރީ. ވަރަށް މޮޅު ނޫސްވެރިއެއް ހުރީ. ވަރަށް މޮޅު ފުޓްބޯޅަ ކޮމަންޓޭޓަރެއް ވެސް ހުރެދާނެ. އެއީ މިކަންވާނެ ހޯދުމުގައި ވާދަވެރިވާނެ ކަމަކަށް ވެސް،“ ސުޒެއިން ވިދާޅުވިއެވެ.
ކޮމިޓީގެ ވައިސް ޗެއާމަން މުބީން ވިދާޅުވީ ރަށްރަށުގެ ފުޓްބޯޅަ ޝަހުސިއްޔަތުން ހޮވުމުގައި، ކްރައިޓީރިއާތައް ކަނޑައަޅާއިރު، އާންމުންގެ ވޯޓު ވެސް ހިމެނޭ ގޮތަށް ކަންކަން ހަމަޖެހިގެންދިއުމުގެ ވިސްނުން ވެގެންގުޅުއްވާ ކަމަށެވެ. އަދި މިދިޔަ 75 އަހަރުތެރޭ ފުޓްބޯޅައިގައި އެންމެ މުހިންމު ދައުރެއް އަދާކުރި ރަށްރަށް ވެސް ފާހަގަކުރާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ދިވެހި ފުޓުބޯޅައިގެ މާޒީ ދިރުވައި، ކުރިއަށް އޮތް ޖީލުތަކަށް އެ ދިގު ތާރީޚުގެ މުހިންމުކަން އަންގައިދިނުމަށް އެހީތެރިވެގެންދާނެއެވެ.