ޖާބިރު ޕީއެންސީއަށް، ވިދާޅުވީ“ޑީލެއްނުހަދަން ސީދާ ހިތުލޯބިން ހިދުމަތް ކުރުމަށް”

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ޖާބިރު ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މި ނިންމެވުން ނިންމެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒިންމާދާރުކަމާއެކު ކުރައްވާ މަސައްކަތްޕުޅުތައް ބަލައިގަނެ، އެ ޕާޓީއަކީ މުސްތަގުބަލު އޮތް ޕާޓީއެއްކަމަށް ގަބޫލުކުރެއްވޭތީކަމަށެވެ. އަދި ޓެކްސްއާއި ޖޫރިމަނާ މައާފުކުރުމުގެ އެއްވެސް ފޮރުވިފައިވާ އެއްބަސްވުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ވިޔަފާރިވެރިޔާ ޢަބްދުالله ޖާބިރު، ވެރިކަންކުރާ ޕީއެންސީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

ޕީއެންސީއަށް ސޮއިކުރެއްވުމުގެ ކުރިން ޖާބިރު ވަނީ، މިދިޔަ ލޯކަލް ކައުންސިލު އިންތިޚާބުގައި ޕީއެންސީގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ހުޅުމާލެއާއި މާލޭގައި އޮތް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކާއި، ކެމްޕެއިން ބައެއް ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޖާބިރު ’ސަން’އަށް ވިދާޅުވީ، ޕީއެންސީއަށް ސޮއިކުރެއްވީ ވަރަށް ވިސްނައިވަޑައިގަތުމަށްފަހު ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްކުރައްވަނީ ޒިންމާދާރުކޮށް ކަމަށާއި، ޕީއެންސީއަކީ މުސްތަގުބަލު އޮތް ސިޔާސީ ޕާޓީއެއް ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހެވާއި ލާބައަށް ޕީއެންސީ ޕާޓީން ކަންތައްތައް ކުރަމުންދާ ތަން އަޅުގަނޑަށް ގަބޫލުކުރެވޭތީވެ، ދެން ޕާޓީ ތެރޭގައި ހަމަޖެހުމާއި، އެންމެން ގުޅިގެން އެއް ޓީމެއް ގޮތުގައި މަސައްކަތްކުރާ ގޮތަށް އަޅުގަނޑަށް ފެނިގެން ދިޔައީ،“ ޕީއެންސީއަށް ސޮއިކުރެއްވި ސަބަބު ބަޔާންކުރައްވައި ޖާބިރު ވިދާޅުވިއެވެ.

ރައްޔިތުންނާ ގާތުން ރައީސް މަސައްކަތްކުރައްވަމުން އަންނަ ކަމަށާއި، ގައުމުގެ ހާލަތު ރަނގަޅުކުރަން ސަރުކާރުން މަސައްކަތްކުރާކަން ޖާބިރު ގަބޫލުކުރައްވައެވެ.

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިނާންގެ ގެއްލުނު ގޮނޑިއަށް ޕީއެންސީއަށް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ، ޖާބިރު ވަނީ، އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ޕީއެންސީއަށް ވަނުމަށް އެދިވަޑައިގެންފައެވެ.

ޖާބިރު ޕީއެންސީއަށް މިއަދު ސޮއިކުރެއްވިއިރު، އޭނާ ދައްކަންޖެހޭ ކަމަށް ބުނާ ޓެކްސްތަކާއި ޖޫރިމަނާތައް މައާފްކޮށްދީފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވަނީ ދޮގުކުރައްވައިފައެވެ.

އެކަހަލަ ކަމެއް ނުހިނގާ، އެއީ ދޮގު ވާހަކަ، ޝަރީއަތުން އަޅުގަނޑަށް ދޭންޖެހޭ ބަދަލުތައް [އެބަހުރި]، އަޅުގަނޑަށް ދޭންޖެހޭ އެއްވެސް އެއްޗެއް ނޯންނާނެ،“ ޖާބިރު ވިދާޅުވިއެވެ.

ދެހާސް ހަތަރުވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ގިނަ ދުވަސްވަންދެން މަސައްކަތްކުރެއްވި ޖާބިރަކީ ރާއްޖޭގައި ދެވަނައަށް އުފެއްދި، އަދި އޭރު އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާއެވެ. ފަހުން ޑީއާރުޕީއަށް އަލުން ސޮއިކުރައްވައި އެ ޕާޓީގެ ލީޑަރުކަންވެސް ކުރެއްވިއެވެ.

އޭގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްކަންވެސް ކުރައްވައި، އެމްޑީޕީގެ ރައީސްކަމުގެ އެޑްވައިޒަރުގެ މަގާމުވެސް ޖާބިރު ފުރުއްވިއެވެ.