އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ ”ޕިންކް ރިބަން ރަން/ވޯކް“ ކާމިޔާބުކަމާއެކު ބާއްވައިފި.

އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ އަހަރީ ”ޕިންކް ރިބަން ރަން ނުވަތަ ވޯކް 2026“ ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މި ދުވުމާއި ހިނގާލުމުގެ ހަރަކާތް މާލޭގައި ކުރިއަށްގެންގޮސްފައިވަނީ މާފަންނު ކުޅިވަރު އެކުވެނީގައެވެ. މާލޭގެ އިތުރުން މުޅި ރާއްޖޭގައިވެސް މި ހަރަކާތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން އަތޮޅުތެރޭގެ 47 ރަށަކާއި، 9 ރިޒޯޓެއް ހިމެނޭހެން ޖުމްލަ 56 ސަރަހައްދެއްގައި މި ހަރަކާތް ކުރިއަށްދިޔައިރު، ހަތަރުހާހަށްވުރެ ގިނަ މީހުން މި އިވެންޓުގައި ވަނީ ބައިވެރިވެފައެވެ.


މިއަހަރުގެ މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ”45 މިނިޓް މިއަދު، ދިރިއުޅުމަށްޓަކައި ދުޅަހެޔޮ އާދައެއް“ މި ޝިއާރުގެ ދަށުންނެވެ. މި ހަރަކާތުގެ ތެރެއިން، މިވަގުތު ކެންސަރު ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށާއި، މި ބަލީގައި ދުނިޔެ ދޫކޮށްފައިވާ ލޮބުވެތި ފަރާތްތަކުގެ ހަނދާނުގައި ބިބް ޚާއްސަކުރުމުގެ ފުރުސަތުވެސް ބައިވެރިންނަށް ވަނީ ހުޅުވާލާފައެވެ.
ކެންސަރ ސޮސައިޓީން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ހަރަކާތެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމާއި، މިފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމުގެ މުހިންމުކަން އަންގައިދިނުމެވެ. އަދި އާންމުންގެ ދިރިއުޅުމުގައި ސިއްހީ ގޮތުން ދުޅަހެޔޮ އާދަތައް އަށަގެންނެވުމަކީވެސް މި ހަރަކާތުގެ ބޮޑު މަގުސަދެކެވެ. އެގޮތުން އެނާޖީ ޑްރިންކް ފަދަ ގެއްލުންހުރި ބުއިންތަކާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރައްކާތެރި އާދަތަކުން ދުރުހެލިވުމަށް ބާރުއަޅާ މުހިންމު މެސެޖުތަކެއްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ފޯރުކޮށްދީފައެވެ.
އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި ހަރަކާތަކީ 2016 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހު ކެންސަރ ސޮސައިޓީން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ރާއްޖޭގައި އެންމެ އާންމު އެއް ކެންސަރު ކަމަށްވާ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި، ބަލިން ރަނގަޅުވެފައިވާ ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކުގެ އާއިލާތަކަށް ހިތްވަރުދީ އެއްބައިވަންތަކަން ހާމަކުރުމަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، ކެންސަރ ސޮސައިޓީން ވަނީ މި ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ބައިވެރިވުމަށްޓަކައި ހުރިހާ ފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.