ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި ”އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް“ (އައިއައިސީއޭ) ގެ ފުރަތަމަ އަހަރީ ފޯރަމްގައި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ޖިނާއީ ނެޓްވޯކްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 އިން 23 އަށް ދެކުނު ކޮރެއާގެ އިންޗިއޮންގައި ކުރިއަށްގެންދިޔަ މި ފޯރަމްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެން، މި ރިޒޮލިއުޝަންގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާޞިމް ޢަބްދުﷲ އެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ބައިވެރިންގެ ތަޖުރިބާ ހިއްސާކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުން ހަރުދަނާ ކުރުމެވެ.
”އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް“ (އައިއައިސީއޭ) އަކީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު 23 ގައި ދެކުނު ކޮރެއާގެ ސޯލްގައި އުފެއްދި އިއްތިހާދެކެވެ. މިއީ އިންޓަރޕޯލާއި، އާސިއާނަޕޯލް އަދި 9 ގައުމަކުން އިސްނަގައިގެން، ބައިނަލްއަގުވާމީ ފެންވަރުގައި ރާވައިގެން ހިންގާ ސްކޭމް ކޮމްޕައުންޑްތަކުން ވަކިވަކި ފަރުދުންނަށާއި މުޖުތަމައުތަކުގެ އިގުތިސާދަށް ދޭ ބޮޑެތި ގެއްލުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އުފެއްދި ހާއްސަ އިއްތިހާދެކެވެ.
މި ރިޒޮލިއުޝަންގެ މައިގަނޑު ނުކުތާތަކުގެ ތެރޭގައި، މެންބަރު ގައުމުތަކުގެ މެދުގައި ތަހުގީގުތަކުގެ މައުލޫމާތު ބަދަލުކުރުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ގުޅިގެން ފިޔަވަޅު އެޅުން ހިމެނެއެވެ. މީގެއިތުރުން، މެންބަރު ގައުމުތަކާ ދެމެހެއްޓެނިވި އަދި އިންސާފުވެރި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ވެސް މި ރިޒޮލިއުޝަންގައި ވަނީ ބާރު އަޅާފައެވެ.
މި ރިޒޮލިއުޝަންގައި ސޮއިކުރުމަކީ، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކާއި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކޮށް، ގުޅިގެން ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
މެންބަރު ގައުމުތަކުން ފާސްކުރި މި ރިޒޮލިއުޝަނަކީ އައިއައިސީއޭގެ ދާއިމީ ގަވާއިދުތަކާއި އޮނިގަނޑު އެކުލަވާލެވެންދެން، މެންބަރު ގައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި، އިންސާފުވެރި އަދި ނަތީޖާ ނެރެވޭނެ ގޮތަށް ތަހުގީގުތަކުގެ މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ރިޒޮލިއުޝަނެކެވެ. މީގެއިތުރުން، އިންޓަރޕޯލްގެ ޖެނެރަލް އެސެމްބްލީއާއި އާސިއާނަޕޯލް ކޮންފަރެންސްގައި ފާސްކޮށްފައިވާ ނިންމުންތަކާއެކު، ބޯޑަރު ހުރަސްކޮށްހިންގާ ސްކޭމްތަކާ ދެކޮޅަށް މި އެލަޔަންސް މެދުވެރިކޮށް ހިންގާ އޮޕަރޭޝަންތަކަށް ވަނީ ގާނޫނީ ހައިސިއްޔަތު ލިބިގެން ގޮސްފައެވެ.