ބާސެލޯނާ، ސްޕެއިން: ސްޕެނިޝް ލަލީގާގައި ކުޅޭ އެންމެ ފޯރިގަދަ މެޗު ކަމުގައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުރިމަތިލުން، ”އެލް ކްލެސިކޯ“ ރެއާލް މެޑްރިޑްއިން ކާމިޔާބުކޮށްފިއެވެ. މި މެޗުން ރެއާލް މެޑްރިޑް މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕްނޯ ގައި، 62 ހާހަށްވުރެ ގިނަ ފުޓްބޯޅަ ހާނުނު މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ބާސެލޯނާއިން ނިކުތްއިރު މި ސީޒަނުގައި އަދި އެ ޓީމު ލީގު މެޗަކުން ބަލިވެފައެއް ނުވެއެވެ. އެހެންކަމުން މި ނަތީޖާއާއިއެކު 69-1968 ވަނަ އަހަރުގެ ސީޒަނުގައި ރެއާލް މެޑްރިޑްއިން ހަދާފައިވާ ރެކޯޑާއި އެއްވަރު ކުރުމަށް ބާސެލޯނާއިން ކުރަމުން އައި މަސައްކަތަށްވަނީ ނިމުމެއް އައިސްފައެވެ. މިއީ މި ސީޒަނުގައި ބާސެލޯނާ ލީގުން ބަލިވި ފުރަތަމަ މެޗެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ހެންސީ ފްލިކްގެ ބާސެލޯނާއިންނެވެ. ނަމަވެސް އެ ޓީމަށް ލިބުނު ރަގަޅު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭގޮތްވަނީ ނުވެފައެވެ. މި މެޗުގައި ބާސެލޯނާއިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލަތަކެއް ރެއާލް މެޑްރިޑްގެ ގޯލުކީޕަރު އެންޑްރީ ލުނިން ވަނީ މަތަކޮށްފައެވެ. ލުނިން މި މެޗުގެ ފުރަތަމަ ޓީމުގައި ހިމެނިފައިވަނީ ރެއާލް މެޑްރިޑްގެ އެއްވަނަ ކީޕަރު ޓިބާ ކޯޓުއާ ބަލިވުމާއި ގުޅިގެން އޭނާއަށް މި މެޗުގައި ނުކުޅެވޭތީވެއެވެ.
ރެއާލް މެޑްރިޑްއިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް މެޗުގެ 61 ވަނަ މިނިޓުގައި ބާސެލޯނާގެ ޕެޑްރީ ދިން ބޯޅައަކުން އޭރިޔާ ތެރޭގައި ހުރެ ރަފީނިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 14 ވަނަ ލަނޑެވެ.
ރެއާލް މެޑްރިޑްއިން މި މެޗުން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އޭރިޔާ ތެރެއިން އެޑުއާޑޯ ކަމަވިންގާ ދިން ޕާހަކުން ކިލިއަން އެމްބާޕޭއެވެ.
މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑް އޮތީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ބާސެލޯނާއަށް 10 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު އެ ޓީމު އޮތީ އަދިވެސް އެއްވަނައިގައެވެ.