ސާފް ތަށި ކާމިޔާބުކުރުމުގެ އަޒުމުގައި ޤައުމީ ޓީމު އިންޑޮނޭޝިއާއަށް ފުރައިފި

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ ގަދަ އަޒުމުގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު، ތަމްރީން ދަތުރެއްގައި އިންޑޮނޭޝިއާއަށް ފުރައިފިއެވެ. ޓީމު ފުރުމުގެ ކުރިން ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭ) ގެ ރައީސް އަދި ރާއްޖެއަށް ފުރަތަމަ ސާފް ތަށި ހޯދައިދިން ފޯވާޑް އަހުމަދު ޠާރިޤް ވިދާޅުވީ، ޤައުމީ ޓީމު އަބަދުވެސް މަސައްކަތް ކުރާނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ކަމަށެވެ.
އެފްއޭގެ ރައީސް ޠާރިޤް މިހެން ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕަށް ޤައުމީ ޓީމު ތައްޔާރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ތަމްރީން ދަތުރަށް ޓީމު އިންޑޮނޭޝިއާއަށް ފުރުމުގެ ކުރިން ޓީމާ ބައްދަލުކޮށް ހިއްވަރުދެއްވުމަށްފަހު، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ.


ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް އަޙްމަދު ޠާރިޤް ފާހަގަކުރެއްވި ގޮތުގައި، މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ކޯޗުގެ އިރުޝާދުގެ ދަށުން ޓީމު އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކުރުމެވެ. މާލޭގެ މާހައުލުން ބޭރަށް ގޮސް ކޭމްޕުކުރުމުގެ މައިގަނޑު ބޭނުމަކީ ކުޅުންތެރިންނަށް އެއްވެސް ކަހަލަ ހުރަހެއް ނެތި، ފުރިހަމަ ސަމާލުކަން ތައްޔާރީތަކަށް ދެވޭނެ މަގުފަހިކުރުން ކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ.
ސަރަޙައްދުގައި ރާއްޖެއިން އޮތް މަޤާމަށް އަލިއަޅުވާލައްވަމުން ޠާރިޤް ވިދާޅުވީ، މިހާރު ހުރި ރޭންކިންގ ތަކާއި ދަނޑުމަތީގެ ނަތީޖާތަކަށް ބަލާއިރު އިންޑިއާ ފަދަ ޓީމުތަކާ އަޅައިބަލާއިރު ކަރުދާހުގެ މައްޗަށް މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ރާއްޖެ ނުފެނުނު ނަމަވެސް، ޓީމު އޮތީ މުބާރާތުގެ ތައްޓަށް މަސައްކަތްކުރަން ފުރިހަމައަށް އަޒުމުކަނޑައަޅައިގެންނެވެ. އަދި ރޭންކިންގ އަކީ ދަނޑުމަތީގައި ނަތީޖާ ނުކުންނަގޮތް ވަކިގޮތަކަށް ކަނޑައަޅާ އެއްޗެއް ނޫން ކަމަށްވެސް ޠާރިޤް ފާހަގަކުރެއްވިއެވެ.
މިއަދު އިންޑޮނޭޝިއާއަށް ފުރި ޓީމުގައި 23 ކުޅުންތެރިން ހިމެނެއެވެ. އާއިލީ ސަބަބުތަކާހުރެ އޮޑި ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު އަހުމަދު އައިހަމް ޓީމާ ގުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މީގެއިތުރަށް މާޒިޔާގެ ޑިފެންޑަރ ހައިޝަމް އަނިޔާގައި ހުރުމުން، އޭނާ ޓީމާ އެކު ދަތުރު ނުކުރެއެވެ.


މި ފަހަރުގެ ސާފް މުބާރާތުގައި ރާއްޖެއިން ގްރޫޕް ބީގައި ލައްވާލައިރު، އެންމެ ފަހުން އިންޑިއާ އާއި އެއްގްރޫޕެއްގައި ވާދަކުރީ 2018 ވަނަ އަހަރުގެ މުބާރާތުގައެވެ. އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައި އެންމެ ފަހުން ރާއްޖެއިން ކުޅުނީ 2011 ވަނަ އަހަރުގެ މުބާރާތުގައެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 5 ވަނަ ދުވަހުން 17 ވަނަ ދުވަހަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއިން މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.