ޞިއްޙީ ދާއިރާގެ ކުރިމަގު ބިނާވަނީ އިލްމީ ޤާބިލްކަން އިތުރުކުރުމުން: ވަޒީރު ޤީލާ

ޞިއްޙީ ދާއިރާގެ ކުރިމަގު ބިނާވަނީ ހަމައެކަނި އިމާރާތްކުރާ ހޮސްޕިޓަލްތަކާއި ގާއިމްކުރެވޭ ވަސީލަތްތަކުން ނޫން ކަމަށާއި، އެކަމުގައި މީހުން ބިނާކޮށް ފޯރުކޮށްދެވޭ އިލްމުން މުހިންމު ދައުރެއް އަދާކުރާކަމަށް، ސިއްޙަތާއި އާއިލާއާއި އިޖްތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު ޤީލާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމް.އެން.ޔޫ) އާއި ޕާކިސްތާނުގެ ރިފާ އިންޓަނޭޝަނަލް ޔުނިވަސިޓީއާ ގުޅިގެން މާލޭގައި ބާއްވާ ”ބުޓިކް އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން“ ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. ”ޝޭޕިންގ ދަ ފިއުޗަރ އޮފް ހެލްތް ޕްރޮފެޝަނަލްސް އެޑިއުކޭޝަން އިނޮވޭޝަން ލީޑަރޝިޕް އެންޑް އެކްސެލެންސް“ މި ތީމުގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސް ފެށުނީ މި ހަފްތާގައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، ޞިއްޙީ ދާއިރާގެ ތަޢުލީމަކީ ހަމައެކަނި ގިނަ އަދަދެއްގެ ޑޮކްޓަރުން އުފެއްދުން އެކަނި ނޫންކަމަށާއި، މުހިންމީ މުޖުތަމައުތަކަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ތަންފީޒު ކުރެވޭ ވަރުގެ ޤާބިލު މީހުން ބިނާކުރުން ކަމަށެވެ. މުސްތަގުބަލަށް ތައްޔާރުވާއިރު ސިއްޙީ ދާއިރާގެ މީހުން މިއަދު މަސައްކަތް ކުރަން ޖެހެނީ ޑިޖިޓަލް ހެލްތު އަދި އާޓިފިޝަލް އިންޓެލިޖެންސާއެކުކަން ފާހަގަކުރައްވައި، ބަލިބަލީގެ ބަދަލުވަމުން އަންނަ ޕެޓާންއާއި ނަފްސާނީ ބަލިމަޑުކަން ފަދަ ކަންކަމަށް މީހުން ބިނާ ކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތީމް ބޭސް ލަރނިންގ އާއި ރިސާޗް އާއި ޓެކްނޮލޮޖީގެ އެހީގައި މިދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ސިއްހީ ދާއިރާގެ ތައުލީމުގައި، އެޑިއުކޭޝަނަލް ރިސާޗާއި އެސެސްމެންޓް ކޯޗިން އާއި އަދި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީގެ ބޭނުން ހިފޭ ގޮތަށް މީހުން ބިނާކުރުމުގައި ގައުމީ ޔުނިވަސީޓީން ކުރިއެރުންތަކެއް ހޯދާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
”މިއީ މުހިންމު ކުރިއެރުމެއް އަޅުގަނޑުމެންގެ ޔުނިވަސީޓީތަކުން ހަމައެކަނި ކިޔަވައިދޭން ޖެހޭނީ ހެލްތް ކެއާ ޕްރޮޕެޝަނުންނެއް ނޫން. އަޅުގަނޑުމެންގެ ކޮންޓެކްސްޓްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާނެ އިލްމަކީ ކޮބައިކަންވެސް ދަސްކޮށްދޭން ޖެހޭ، އަދި އެހެން ޔުނިވަސިޓީތަކާ ހޮސްޕިޓަލްތަކާއި ދިރާސާކާރުންނާއި ޕޮލިސީތައް ހަދާ މީހުންނާއި އޮންނަ ގުޅުން ވަރުގަދަ ކުރަންޖެހޭ،“ ވަޒީރު ވިދާޅުވިއެވެ.
ކޮންފަރެންސްގައި ބައިވެރިންނަށް ބަލިބަލިން ރައްކާތެރިވުމުގެ މުހިންމުކަމާއި، ބަލިމަޑުކަމެއް ފެތުރުމުގެ ކުރިން އެކަމާއި ދެކޮޅަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ ރައްކާތެރިވުމަށް ވަޒީރު ގޮވާލެއްވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ކޮންފަރެންސްގައި 14 ގައުމަކުން 40 އިންސްޓިޓިއުޓަކުން 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. މި ކޮންފަރެންސްގައި 200 ޕޭޕަރު ހުށަހަޅާނެއެވެ. ރާއްޖޭގެ ސިއްޙީ ދާއިރާގެ މާހިރުންނާއި އެކި ގައުމުތަކުގެ ތަޖުރިބާކާރުން ބައިވެރިވެ، އެބޭފުޅުންގެ ދިރާސާތައް ހިއްސާ ކުރުމާއި މައުލޫމާތު ބަދަލުކުރުންތައް ކުރިޔަށްދާނެއެވެ.