ޓެޓޫ ޖެހުމާއި ބުމަ ތުނިކުރުމަކީ މާތް ﷲ ގެ ލަޢުނަތް ހުރި ކަންކަން ކަމަށާއި، ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
”ސާފުޠާހިރުކަމާއި ޒީނަތްތެރިކަން“ މި މައުޟޫޢަށް ޚާއްޞަ ކުރެވުނު ޚުޠުބާގައި ބުނީ، ޒީނަތްތެރިވުމުގެ ނަމުގައި މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިތަކުގެ ތެރެއިން މަޅިއެއް ކަމަށެވެ. ޓެޓޫ ޖެހުމާއި ބުމައިގެ އިސްތަށި އުފުރައި ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އެއްވެސް ތަފާތެއް ނެތް ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުޠުބާގައި ފާހަގަކުރީ، ސެލޫންތަކަށް ގޮސް ވެކްސް ކުރުމަށް ނުވަތަ ލޭޒާ ޓްރީޓްމެންޓް ހެދުމަށް ޓަކައި ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި ވުޟޫކުރާ އިރު ފެން ނުޖެހޭ ފަދަ އެއްޗެހި ބޭނުންކުރުމުން ވުޟޫ ޞައްޙަ ނުވާނެ ކަމަށާއި، އޭގެ ސަބަބުން ނަމާދު ވެސް ޞައްޙަ ނުވާނެ ކަމަށް ޚުޠުބާގައި އިންޒާރު ދިނެވެ.
ބުރުގާ އެޅުމުގެ މަޤުޞަދަކީ ޢައުރަ ނިވައިކުރުން ކަމަށް ހަނދާންކޮށްދެމުން ޚުޠުބާގައި ބުނީ، ކަންފަތުމުދި ނުވަތަ ކަރުފަށް ފެންނަ ގޮތަށް ބުރުގާ އެޅުމާއި ކަނދުރާ ފެންނަ ގޮތަށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެއް ކަމަށެވެ. ހަމައެއާ އެކު ފިރިހެނުން ވެސް ކުޅިވަރުގެ މައިދާނުގައި ވިޔަސް ޢައުރަ ހާމަނުކުރުމަށް ނަޞީހަތްތެރިވިއެވެ.
ޚުޠުބާ ނިންމައިލީ ދެމަފިރިން އެކަކު އަނެކަކަށް ޒީނަތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެންމެ ރީތި ހެދުމާއި އެންމެ މީރުވަސްދުވާ ސެންޓު ބޭނުންކުރާންވީ ޙަލާލު ބައިވެރިޔާގެ ކުރިމަތީގައި ކަމަށް ޚުޠުބާގައި ބުންޏެވެ.