އެމްއައިބީގެ ޚާއްޞަ ޢާންމު ޖަލްސާ އަންނަ މަހުގެ 10 ގައި، ބޯޑަށް ޑިރެކްޓަރުން އައްޔަންކުރަނީ!

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މިއަހަރުގެ ފުރަތަމަ ޚާއްޞަ ޢާންމު ޖަލްސާ، އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ޖަލްސާ ކުރިއަށްދާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ އޮންލައިން ޖަލްސާ ނިޒާމު ”ފަހިވޯޓު“ މެދުވެރިކޮށެވެ.
އެމްއައިބީއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ޖަލްސާގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑާ ގުޅޭ މުހިންމު ކަންތައްތަކަކާމެދު ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ބޯޑަށް އާއްމު ޑިރެކްޓަރަކު އައްޔަން ކުރުމާއި، ބޭންކުގެ ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބު ކުރާ ޑިރެކްޓަރަކު އައްޔަންކުރުން ހިމެނޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:30 ގައެވެ. ޖަލްސާގައި ބައިވެރިވެ، ވޯޓު ދިނުމުގެ ފުރުޞަތު ލިބިފައިވަނީ، މިއަދު މެންދުރުފަހު 14:00 ހަމައަށް ބޭންކުގެ ޙިއްޞާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށެވެ.
ޖަލްސާގައި ބައިވެރިވާން އެދޭ ޝަރުޠުހަމަވާ ޙިއްޞާދާރުންނަށް infinity.mv ޕޯޓަލް މެދުވެރިކޮށް ނުވަތަ [email protected] އަށް ރަޖިސްޓްރޭޝަން ފޯމު އީމެއިލް ކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އަންނަ މަހުގެ 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ހަމައަށް ރަޖިސްޓްރީވެވޭނެ ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކްއިން މައުލޫމާތުދޭ ގޮތުގައި، ރަޖިސްޓްރޭޝަން ފޯމު ބޭންކުގެ އިންވެސްޓަރ ރިލޭޝަންސް ވެބްސައިޓް (www.mib.com.mv/investor-relations) އިން ލިބެން ހުންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، ބޭނުންވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތައް ހަމައަށް ހުރިކަން ކަށަވަރު ކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ. އެމްއައިބީގެ ޚާއްޞަ ޢާންމު ޖަލްސާގައި ބައިވެރިވުން ފަސޭހަކުރުމުގެ ގޮތުން، ޝަރުޠު ހަމަވާ އެންމެހައި ޙިއްޞާދާރުން ސުންގަޑި ހަމަވުމުގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްވެސް އެބޭންކުން ވަނީ އެދިފައެވެ.