ރާއްޖޭގެ އިޤުތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަޤުޞަދުގައި، ސަރުކާރުން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތުގެ ދަށުން ތިލަފުށި ޕޯޓުގައި މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރަސްމީކޮށް ފަށައިފިއެވެ. މިއީ، ތިލަފުށި ޕޯޓުން ދޭން ފެށި ފުރަތަމަ ޚިދުމަތެވެ.
ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއްވެސް އެހެން ޤައުމުތަކުން އެތެރެ ކުރާ ޤައުމަކަށްވާއިރު، ރާއްޖެ އެތެރެވާ މުދަލުގެ ތެރެއިން މައިގަނޑު ގޮތެއްގައި ހުރިހާ ބާވަތެއްވެސް އެތެރެކުރަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. މިކަމާއި ގުޅިގެން ވިޔަފާރި ބަނދަރުވެފައިވަނީ، 24 ގަޑިއިރު ހިންގަންޖެހޭ ޤައުމުގެ އިޤުތިޞާދުގެ އެންމެ ބޮޑު އޮޕަރޭޝަނަށެވެ. މާލޭ ވިޔަފާރި ބަނދަރަކީ، 1986ވަނަ އަހަރު ޚިދުމަތް ފެށި ބަނދަރެކެވެ. 2015ވަނަ އަހަރުން ފެށިގެން މި ބަނދަރުން ޚިދުމަތް ދެމުންދަނީ، ބަނދަރުގެ ކެޕޭސިޓީ އަށްވުރެ 3 ގުނަ އިތުރަށެވެ. ސަރުކާރުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރަނީ، މިހުރިހާ މައްސަލައަކަށް ހައްލެއް ހޯދުމަށެވެ.
ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ދަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ، ތިލަފުށީ ބަނދަރު 2027 ނޮވެމްބަރ މަހަށް އެއްކޮށް ނިންމުމެވެ. މި މަޝްރޫޢު ނިމުމުން، އައު ބަނދަރާއެކު ޕޯޓުގެ ޚިދުމަތްތައް 4 ގުނަ ފުޅާވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި ޚިދުމަތް ފައްޓަވައިދެއްވުމަށް ބޭއްވި ހަފްލާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވީ، މާލެ އަދި ހުޅުމާލެ ބަނދަރުގައި މިވަގުތުވެސް ދޯނިފަހަރު ކައިރިކޮށް ކޮންޓެއިނަރު އެރުވުމަށް ޖާގަ ކުޑަ ކަމަށެވެ. ނަމަވެސް އެމްޕީއެލްއިން ތަރައްޤީ ކުރަމުންދާ ތިލަފުށީ ބަނދަރުން މި ޚިދުމަތް ފެށުމުން މިއީ ދޯނި ކްލިއަރެންސްއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މަޑުމަޑުން ޚިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރަމުން ގެންދަވާނެ ކަމަށެވެ.
”އެންމެ ފުރަތަމަ މި ފައްޓަނީ އެފްސީއެލް ކްލިއަރެންސް އޮޕަރޭޝަން ދޯނިފަހަރަށް. އިރާދަކުރެއްވިއްޔާ މާދުރުނޫން މުސްތަޤުބަލެއްގައި އަޅުގަނޑުމެން މިތަނުން ކޮންޓެއިނަރތައް ކަނޑައިގެން އެލްސީއެލް ކާގޯވެސް ދޫކުރަން ފައްޓާނަން. މިއަދު މިފެށުނީ ކޮންޓެއިނަރ ހުރިގޮތަށް ދޯނިފަހަރަށް ލޯޑު ކޮށްގެން ކްލިއަރެންސް ހެދުމުގެ މަސައްކަތް.“ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވިއެވެ.
ތިލަފުއްޓަށް ބަނދަރު ބަދަލުވުމުގެ ފައިދާ އާންމު ރައްޔިތުންނަށްވެސް ކުރާނެއެވެ. މުދާ ގެނައުމަށް ކުރާ ޚަރަދުތައް ކުޑަވެ، މުދަލުގެ އަގު ތިރިވުމަށްވެސް މަގުފަހިވާނެއެވެ. މި ބަދަލަކީ، ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ އަދި މުޅި އިޤުތިޞާދާއި ގުޅިފައިވާ ބަދަލެކެވެ.