ރާއްޖޭން ބަންގްލަދޭޝަށް ދިޔަ ދެމީހެއްގެ ފުރަގަސް ފަރާތުން ފަސް މިލިއަން ރުފިޔާގެ ރަން އަތުލައިގެންފި.

ރާއްޖޭން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ދެ ބަންގްލަދޭޝް މީހެއްގެ ފުރަގަސް ފަރާތުގައި ފޮރުވާފައި ހުރި ފަސް މިލިއަނެއްހާ ރުފިޔާ (4.9 މިލިއަން ރުފިޔާ) ގެ ރަން އަތުލައިގެންފިއެވެ. މި މައްސަލަ ހިނގާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު، ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓްރޭޓް (ސީއައިއައިޑީ) އިން ހިންގި އޮޕަރޭޝަނެއްގައެވެ.
ބަންގްލަދޭޝްގެ މަޝްހޫރު ނޫހެއް ކަމަށްވާ ’ނިއު އޭޖް‘ ގައި ރިޕޯޓުކޮށްފައިވާ ގޮތުން، މި މައްސަލައިގައި ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވަނީ މުހައްމަދު ސުލައިމާން އާއި ޖޮބައިދު އަހުމަދު ކިޔާ ދެ މީހުންނެވެ. އެ ދެމީހުން ބަންގްލަދޭޝަށް ގޮސްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 06:15 ގައި ރާއްޖޭން ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބީއެސް338 ފްލައިޓުންނެވެ.


ކަސްޓަމްސްއިން އެ ދެ ފަސިންޖަރުން ބަލައިފާސްކުރުމުގެ ތެރޭގައި އެ މީހުންގެ ހަށިގަނޑުގައި ފޮރުވާފައި ހުރި 2.73 ކިލޯގެ ރަން ފެނިފައިވާ ކަމަށް ’ނިއު އޭޖް‘ ނޫހުން ރިޕޯޓުކުރެއެވެ. އެ ނޫހުގައިވާ ގޮތުގައި، ބިހުގެ ބައްޓަމަށް ހުރި އެ ރަންތައް ފޮރުވާފައި ހުރީ އެ މީހުންގެ ފުރަގަސް ފަރާތުގައެވެ. ކަސްޓަމްސް އޮފިޝަލުން ބުނި ގޮތުގައި، ކޮންމެ މީހެއްގެ ހަށިގަނޑުން ތިން ރަންގަނޑު ވަނީ ފެނިފައެވެ. އެ ތަކެތީގެ މަގުމަތީ އަގު ހަތަރު ކްރޯޑް ޓާކާ ނުވަތަ ދިވެހި ފައިސާ އިން 4.9 މިލިއަން ރުފިޔާއަށް އަރައެވެ.
ކަސްޓަމްސް އިން ބުނީ، އަތުލައިގަތް ރަން މިހާރު ވަނީ ރައްކާތެރިކަމާއެކު ބަހައްޓާފައި ކަމަށެވެ. އަދި މި ދެ ފަސިންޖަރުން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ އުފުލުމުގެ މަރުހަލާ ފަށާފައި ކަމަށް އެ އޮފިޝަލުންނާ ހަވާލާދީ ’ނިއު އޭޖް‘ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ބަންގްލަދޭޝްގެ ނޫސްތަކުގައިވާ ގޮތުން، މި ދެ މީހުން ހައްޔަރުކުރި ދުވަހު، ޝާހް އަމާނަތު އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ބަންގްލަދޭޝް މީހެއްގެ އަތުން ވެސް ރަންތަކެއް ވަނީ އަތުލައިގެންފައެވެ. އެ މީހާ އެ ތަކެތި ފޮރުވާފައި ހުރީ ކައްކަން ގެންގުޅޭ ތަވައަކާއި ތަރުކާރީ ގާނަން ބޭނުންކުރާ އެއްޗެއްގައެވެ.