ރަސްމާލެ މަޝްރޫޢާއި ދެކޮޅަށް އަދާލަތުން ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުން ކޯރަމް ހަމަނުވެ ކެންސަލްކޮށްފި.

ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު އިޤްތިޞާދީ މަޝްރޫޢު ’ރަސްމާލެ ޕްރޮޖެކްޓް‘ އާ ދެކޮޅަށް، ދީނާއި ޤައުމަށްޓަކައި ކަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ އިސްކޮށް ހުންނަވައިގެން ޤައުމީ ހަރަކާތެއް ކުރިއަށް ގެންދަން އިއުލާނުކޮށްފައިވާއިރު، މި ކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަދާލަތު ޕާޓީން އިއްޔެ ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
އަދާލަތު ޕާޓީން އިއްޔެ އެޖެންޑާ ކުރީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު އެޖެންޑާގައި އޮތީ ރާއްޖޭގެ ބަންޑާރަނައިބު އަޙްމަދު އުޝާމްގެ ފަރާތުން ޕާލް ރެސިޑެންސީ އަދި ރަސްމާލެ ޕްރޮޖެކްޓާ ބެހޭ ގޮތުން ލިބުނު މަޢުލޫމާތު ޙިއްސާ ކުރުމާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. ނަމަވެސް، އެ ބައްދަލުވުމަށް އެދެވޭ އަދަދަށް ބައިވެރިން ހާޒިރުނުވުމުގެ ސަބަބުން، ކޯރަމް ހަމަނުވެ ބައްދަލުވުން ކެންސަލް ކުރަން ޖެހުނުކަމަށް ރާއްޖޭގެ އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ އިސް ބޭފުޅެއް ވަނީ ވިދާޅުވެފައެވެ.


މި ހަރަކާތުގެ އިސްކޮށް ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ، ބެންކޮކުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު، ރަސްމާލެ މަޝްރޫޢު ހުއްޓުވުމަށް ޤައުމީ ބޮޑު ހަރަކާތެއް ހިންގެވުމަށް ވަނީ މާލެ ވަޑައިގެންފައެވެ. މީގެ ކުރިންވެސް އެމަނިކުފާނު އިސްކޮށް ހުންނަވައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި އިޢުލާނުކުރެއްވި ’ފާފު މަޝްރޫޢު‘ ހުއްޓުވާފައިވާއިރު، މި ޤައުމީ ހަރަކާތުގައި ޢިމްރާނުގެ ފަހަތްޕުޅުގައި ރައީސް ޔާމީން ހުންނެވިކަން ވެސް ފާހަގަކޮށްލެވެއެވެ.
ރަސްމާލެ މަޝްރޫޢާއި ދެކޮޅު ހަރަކާތުގައި ރައީސް ޔާމީންގެ ބައިވެރިވުމާ ގުޅިގެން، އެމަނިކުފާނަށް ވެސް ވަނީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.