ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް ޗައިނާގެ ސީޗުއަން ޕްރޮވިންސަށް އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ

ދިވެހިރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް ޗައިނާގެ ސީޗުއަން ޕްރޮވިންސަށް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ޗައިނާގެ ސީޗުއަން ޕްރޮވިންސްގެ މަތީ ފަންތީގެ ވަފުދަކާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައެވެ. މި ބައްދަލުވުމުގައި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާއި އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ސީޗުއަން ޕްރޮވިންސްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ ޕްރޮވިންސްގެ ވައިސް ގަވަރުނަރ ރެން ޖިންޑޮންގް އާއި އެ ޕްރޮވިންސްގެ އިސް މަސްއޫލުވެރިންނެވެ. މީގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގެ ފެށުމުގައި ވަޒީރު މުޙައްމަދު ސަޢީދު ވަނީ ޗައިނާގެ ވަފުދަށް މަރުހަބާ ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ، މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފް.ޓީ.އޭ) ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި މަސްވެރިކަމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ދަނޑުވެރިކަމާއި އެހެނިހެން ސިނާޢީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އަދި ސީޗުއަން ޕްރޮވިންސްގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް ދެފަރާތުން ވާހަކަދެއްކެވިއެވެ.

ވަޒީރު ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް އިސްކަންދޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން އޮތީ ތައްޔާރަށެވެ. މި މަގު ފަހިވެގެންދިޔައީ 2024 ވަނަ އަހަރުގެ ކުރީކޮޅު ރައީސް ޑރ. މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުންތަކާއި މަޝްވަރާތަކުގެ ސަބަބުން ދިވެހި މަސްވެރިންގެ އުފެއްދުންތަކަށް ޗައިނާގެ ބޮޑު މާކެޓުން އިތުރު ފުރުޞަތުތަކެއް ލިބި، ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.