ގޭގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް އަންނަ މަހު އިންސްޕެކްޓް ކުރަން ނިންމައިފި.

ވިޔަފާރި އުސޫލުން ކާބޯތަކެތި އުފައްދާ ގޭގެއަށް އަންނަ މަހު ޒިޔާރަތްކޮށް، އިންސްޕެކްޝަންތަކެއް ހެދުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ވިދާޅުވެއްޖެއެވެ. މި އިންސްޕެކްޝަންތަކުގެ މަޤްސަދަކީ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވިޔަފާރިތައް ހިންގޭތޯ ބެލުމެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ އެ އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން، މި މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑަށް އަމަލުކުރާ ގޮތް ބެލުމަށްޓަކައި ސަރވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ.
މި އިންސްޕެކްޝަންތައް ކުރިއަށް ދާނީ އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް އެ އޮތޯރިޓީގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.


ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ކާބޯތަކެތި ބަންދުކޮށް، ލޭބަލްކުރާނަމަ ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރެވޭގޮތަށް ގަވާއިދެއް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްއެފްޑީއޭއިން ވަނީ ހަދާފައެވެ. އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ކާބޯތަކެތި ބަންދުކުރަންވާނީ ކާބޯތަކެތި ބަންދުކުރުމަށް ޚާއްޞަކޮށްފައިވާ ފުޑް ގްރޭޑަޑް މެޓީރިއަލްތަކުގައެވެ. އަދި ކާބޯތަކެތި އެޅުމަށް ޚާއްޞަކޮށްފައިވާ ކަންވާރު ނޫން ކަންވާރުތަކާއި، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލަން ހަދާފައި ހުންނަ ޕޮލިއިތެލިން ޓެރެފްތަލޭޓް (ޕެޓް) ފުޅިފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުމަކީ މަނާކަމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން، ކެފޭ ރެސްޓޯރެންޓްތަކާއި ހޮޓާ އަދި ފުޅާދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރި ކުރައްވާ ފަރާތްތަކަށް 2024 ވަނަ އަހަރު އެމްއެފްޑީއޭއިން ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރކޮށް، ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުޞޫލު ބަޔާންކުރާ ޤަވާއިދެއް އެކުލަވާލާ އާންމުކޮށްފައެވެ.
މި ގަވާއިދުގައިވާ ގޮތުގައި މީހުން ދިރިއުޅޭ ތަންތަނުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް ހަދާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަގުތީ ގޮތުން ޤާއިމުކުރާ މާރުކޭޓުތަކާއި ގާޑިޔާތައްފަދަ ތަކެތި ރަޖިސްޓަރކުރުން ލާޒިމް ނުވާނެއެވެ. ނަމަވެސް، މިތަންތަނުންވެސް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރަންވާނީ، ކާބޯތަކެތި އުފެއްދުމާ ގުޅޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑާ އެއްގޮތަށް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި އިންސްޕެކްޝަންތަކުން ދިވެހި ރައްޔިތުންނަށް ރައްކާތެރި ކާނާގެ ޔަޤީންކަން ދިނުމަށް އެމްއެފްޑީއޭއިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށްދޭނެ ކަމަށް ބެލެވެއެވެ.