މެޗަކުން ބަލިނުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކު، ކުލަބު ވެމްކޯއިން ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މި ކާމިޔާބީ ވެމްކޯއިން ހޯދާފައިވަނީ މިއަދު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު ފަހު މެޗު ކާމިޔާބުކޮށްގެންނެވެ.
ގައުމީ ލީގުގެ ފަހު މެޗުގައި ވެމްކޯއިން ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބާއެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މި މެޗު ވެމްކޯއިން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ. ވަރުގަދަ ވާދައެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 22-25، 25-19، 25-22 އަދި 25-16 އިންނެވެ.

މި ނަތީޖާއާއެކު ވެމްކޯއިން ވަނީ މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެފައެވެ. މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ އެވޯޑުތައް ވެސް ވަނީ ދީފައެވެ. އެގޮތުން އެންމެ މޮޅު މިޑިލް ބްލޮކަރުންނަކަށް ހޮވުނީ ވެމްކޯގެ ނަރީމާ އިދުރީސް އާއި ކުލަބު އެމްޓީސީސީގެ އައިމިނަތު ރިޔާސާއެވެ. އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިޔަކަށް ހޮވުނީ އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހެވެ. އަދި އެންމެ މޮޅު ލިބަރޯއަކަށް ވެމްކޯގެ މައިހާ އަލީ ހޮވުނުއިރު، އެންމެ މޮޅު ސެޓަރަކީ އެ ޓީމުގެ ފާތިމަތު ޖޫޒާން ޒަރީރެވެ. މީގެ އިތުރުން އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންނަކީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާ އާއި ހަމަ އެ ޓީމުގެ އައިމިނަތު ޝަހާ ޝާމިންއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެމްކޯގެ ޖޫޒާން ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަޙްމަދު އަދީލެވެ.