ޗައިނާ – މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައި ފަށައިފި.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ ”ޗައިނާ – މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް“ ރަސްމީކޮށް ފަށައިފިއެވެ. ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބޭއްވި މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ހޮޓެލް ބާސެލޯ ނަސަންދުރާގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީ ގުޅިގެން އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ. މި ފޯރަމްގައި ދެ ޤައުމުގެ ވިޔަފާރިވެރިން ހިމެނޭހެން 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ޗައިނާގެ 40 އަށްވުރެ ގިނަ ކުންފުނި ހިމެނެއެވެ.


މި ފޯރަމްގެ މައިގަނޑު ބޭނުމަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ތަޢާރަފުކުރުމެވެ. އެގޮތުން، ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މުހިންމު 5 ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މި ފޯރަމްގެ ތެރެއިން ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ އައު ދޮރުތަކެއް ހުޅވިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ސިޔާސަތެކެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ފުރަމާނަ ދަތުރުފުޅެއްގެ ތެރެއިން ވެސް، އެ ވަޑައިގަންނަވާ ޤައުމެއްގައި ޚާއްޞަ ބިޒްނަސް ފޯރަމްތައް ބާއްވަވަމުން ގެންދަވައެވެ. މި ފޯރަމްތަކަކީ ރާއްޖޭގެ ވިޔަފާރިވެރިންނާއި އެ ޤައުމުތަކުގެ ވިޔަފާރިވެރިން ބައްދަލުވެ، ރާއްޖޭގައި ހުރި ފުރުޞަތުތަކާއި ސަރުކާރުގެ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.


މި ސަރުކާރު އައިފަހުން މިހާތަނަށް ދުނިޔޭގެ 7 ޤައުމެއްގައި ވަނީ ބިޒްނަސް ފޯރަމްތައް ބާއްވާފައެވެ. އޭގެ ތެރޭގައި ޗައިނާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)، އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު، އިނގިރޭސިވިލާތް އަދި ޕާކިސްތާން ހިމެނެއެވެ. ޚާއްޞަކޮށް، އިންޑިއާގެ 3 ސިޓީއެއްގައި މިފަދަ ފޯރަމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ފޯރަމްތަކުގެ ނަތީޖާ ވަރަށް ބޮޑަށް ފެންނަމުންދެއެވެ. އެގޮތުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް މަޢުލޫމާތު ހޯދާ ފަރާތްތަކާއި، އައު އިންވެސްޓްމަންޓްތައް ރަޖިސްޓްރީ ކުރަމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.