ދިވެހިރާއްޖޭގެ ޒަކާތުގެ ދާއިރާ ފުޅާކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، 3 ވަނަ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) ފެށުމުގެ ރަސްމިއްޔާތަށް ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ.
ވަޒީރުގެ ޚިޠާބުގައި، ފަޤީރުކަން ނައްތާލުމަށާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޒަކާތުގެ ނަފާ އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި، ދެފުށްފެންނަ ގޮތަށް ޒިންމާދާރުކަމާއެކު ކަންކަން ބެލެހެއްޓުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ޒަކާތަކީ ހަމައެކަނި މާލީ ފަރުޟެއް ނޫން ކަމަށާއި، އެއީ އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށާއި، ފަޤީރުކަން ފިލުވައި، މުޖުތަމަޢުގެ އެއްބައިވަންތަކަން އާލާކުރުމަށް އޮތް ވަރުގަދަ ވަސީލަތެއް ކަމަށެވެ. މީގެ އިތުރުން ޒަކާތަކީ ނިކަމެތިންގެ ކަރާމާތް ރައްކާތެރިކޮށްދީ، މީސްތަކުންގެ މެދުގައި އޯގާތެރިކަން ބަދަހިކޮށްދޭ އަޅުކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން ވަޒީރު ވިދާޅުވީ، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިންނާއި ޒިންމާދާރު މުއައްސަސާތައް މެދުވެރިކޮށް ޤައުމީ ޒަކާތުގެ ނިޒާމު ބައްޓަންކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށެވެ. އެގޮތުން ’މޯލްޑިވްސް ޒަކާތު ހައުސް‘ އުފެއްދެވުމާއި، ޒަކާތުގެ ޚާއްޞަ ޤާނޫނެއް އެކުލަވާލެވިގެން ދިޔުމަކީ މި ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ޒަކާތް އޭގެ ޙައްޤުވެރިންނަށް ފަސޭހަކަމާއި އިންޞާފުވެރިކަމާއެކު ފޯރުކޮށްދީ، އެމީހުންގެ ދިރިއުޅުމަށް މާނަހުރި ހެޔޮ ބަދަލެއް ގެނެސްދޭންޖެހޭ ކަމަށެވެ. އަދި ޒަކާތުގެ ފައިސާއަކީ މާތް ﷲ ގެ ޙަޟްރަތުގައި އޮތް ބޮޑު އަމާނާތަކަށްވާއިރު، ޒަކާތުގެ އިދާރީ ހިންގުމުގައި އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، ހަރުދަނާ ނިޒާމަކާއި، އިސްލާމީ އުޞޫލުތަކަށް ފުރިހަމައަށް ތަބާވުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކަންކަން ދެފުށްފެންނަ ގޮތަށް ގެންދިއުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ގުޅުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، މި ދާއިރާއިން ކުރިމަތިވާ ޢާންމު ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދުނިޔޭގެ ޢިލްމުވެރިންނާއި ޒަކާތާ ގުޅޭ މުއައްސަސާތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކޮށް، ގުޅުން ބަދަހިކުރުމަށް ބާރުއަޅުއްވާފައެވެ.
ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ޚިޠާބު ނިންމަވާލެއްވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމް މުޖުތަމަޢުތަކަށް ފައިދާކުރާނެ ޢަމަލީ ޙައްލުތައް ހޯދުމަށާއި، ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކުރާ ދެމެހެއްޓެނިވި ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގެ ގޮތުގައި ’އިންޒެކް‘ ކުރިއަރައިގެންދާނެ ކަމުގެ އުއްމީދު ފާޅުކުރައްވަމުންނެވެ. އަދި ފަޤީރުކަން ނައްތާލުމަށާއި، އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކޮށް، ނިކަމެތިންނަށް އެހީތެރިވުމުގައި މި ކޮންފަރެންސަކީ ކާމިޔާބު ބައްދަލުވުމަކަށް ވާނެކަމަށް ވިދާޅުވަމުންނެވެ.