ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކުލަބު ސީދާ ތިން ސެޓުން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފިއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު މި ފޯރިގަދަ ފައިނަލް މެޗުގައި ޕޮލިސް ކުލަބުން ވަނީ މޮޅު ކުޅުމެއް ދައްކައި ސިފައިންގެ ޓީމުގެ މައްޗަށް ކުރިހޯދާފައެވެ. ވާދަވެރި ކުޅުމަކަށްފަހު ޕޮލިސް ކުލަބުން މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-11، 25-18 އަދި 25-20 އިންނެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން ހިމެނޭ ”ޑްރީމް ޓީމު“ ގެ ގިނަ މަގާމުތަކެއް ވެސް ހާސިލުކޮށްފައިވަނީ ޗެމްޕިއަން ޕޮލިސް ކުލަބުގެ ކުޅުންތެރިންނެވެ. އެގޮތުން ޑްރީމް ޓީމުގައި ހިމެނެނީ ޕޮލިސް ކުލަބުގެ އަލީ މައުރޫފް، އަހްމަދު ނާފިއު، އަންދްރޭ ވަސިލެންކީ، އަދި އިޔާން އަލީ އެވެ. މީގެއިތުރުން ދިވެހި ސިފައިންގެ ކުލަބުގެ އަޙްމަދު ނަބީލް ވެސް ވަނީ މި ޓީމުގައި ހިމެނިފައެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހާސިލުކުރީ ޕޮލިސް ކުލަބަށް ކާމިޔާބީ ހޯދައިދިން ކޯޗު ނަސްރުﷲ ތޯހާއެވެ.

މި އަހަރުގެ ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވަނީ ގައުމީ ވޮލީބޯޅަ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ކުލަބުގެ އިތުރުން، ލީގުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީ އަދި ކުލަބް އެމްޓީސީސީއެވެ.