ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް، ރަހުމަތްތެރިކަމުގެ ސިޔާސީ އިތުބާރުގެ މައްޗަށް ބިނާކޮށް، ހުރިހާ ދާއިރާއަކުން އިޤްތިޞާދީ އެއްބާރުލުން އިތުރަށް ފުޅާކުރަންޖެހޭ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ މާލޭގައި ކުރިއަށްދިޔަ ”ޗައިނާ – މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމްގައި ވާހަކަދައްކަވަމުން ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ ފެހި، ނޫ އަދި ޑިޖިޓަލް އިޤްތިޞާދަށް ބިނާކުރަނިވި ތަރައްޤީއެއް ގެނައުމަށް މި ފޯރަމުގެ ސަބަބުން ބާރުއެޅިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ޗައިނާގެ އެހީގައި ބިނާކުރި ސިނަމާލެ ބުރިޖަކީ ދެ ޤައުމުގެ އެއްބާރުލުމުގެ ވަރުގަދަ ރަމްޒެއްކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ބުރިޖުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އިޤްތިޞާދީ ކުރިއެރުމަށް ބޮޑެތި އެހީތެރިކަމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތްތަނުގައި އެކުވެރިކަމުގެ އައު ހަރުފަތަކަށް ވާސިލްވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އަދި ވާން ނިންމާފައިވާ އެއްބަސްވުންތަކަކީ ދެ ޤައުމުގެ ލީޑަރުން ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް މަގުފަހިވާނެ ކަންކަން ކަމުގައި ވިދާޅުވިއެވެ.
މި އިންވެސްޓްމަންޓް ފޯރަމްގެ މައިގަނޑު އަސާސަކީ ”އައު ކޮލިޓީ ޕްރޮޑަކްޓިވް ފޯސަސް“ އަދި އޭގެ ސަބަބުން ފެހި، ނޫ އަދި ޑިޖިޓަލް އިޤްތިޞާދަށް ގެނެވޭނެ ކުރިއެރުންތައް ކަމަށް ސަފީރު ވިދާޅުވިއެވެ. މިއީ އިލްމީ އަދި ޓެކްނޮލޮޖީގެ އީޖާދުތަކުގެ ބޭނުން ހިފައިގެން ސިނާއަތްތައް ކުރިއެރުވުން ކަމަށާއި، އިއާދަކުރަނިވި ހަކަތައާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ދާއިރާތައް ތަރައްޤީކުރުމުގައި އީޖާދުތަކާއި، ސިނާއަތްތަކާއި، ބާޒާރުގެ ޑިމާންޑް އަދި ހުނަރުވެރިކަން އެއް މިސްރާބަކަށް ގެންދަންޖެހޭ ކަމަށް ވިދާޅުވިއެވެ.
”މީގެ ސަބަބުން ވަސީލަތްތަކުގެ ދަތިކަން އީޖާދީ ބާރަކަށް ބަދަލުކޮށް، ގޮންޖެހުންތައް ފުރުސަތުތަކަށް ހަދައި، ރަނގަޅު ދިރިއުޅުމަކަށް ރައްޔިތުން ކުރާ އުއްމީދުތައް ހަގީގަތަކަށް ހެދިދާނެ،“ ސަފީރު ވިދާޅުވިއެވެ.

ޗައިނާގައި އެކި ދާއިރާތައް ކުރިއަރާފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން ސަފީރު ވަނީ ދަނޑުވެރިކަމާއި، ހަކަތައާއި ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއަށް ގިނަގުނަ ކުރިއެރުންތަކެއް ހާސިލްކުރެވިދާނެކަން ފާހަގަކުރައްވާފައެވެ.
އަދި ކުރިމަގުގައި ދެ ޤައުމުގެ ތަރައްޤީގެ އިސްތިރާޖުތައް އެއް މިސްރާބަކަށް ހަމަޖައްސައި، ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރި ކުންފުނިތަކާއި، ޖަމިއްޔާތަކުގެ އިތުރުން ދިރާސާކުރާ މުއައްސަސާތަކުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށު ފެންވަރުގައި ހުނަރުވެރިން ބިނާކުރުމަށް އިންވެސްޓްކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުން ވަރުގަދަކުރުމަށްވެސް ބާރުއެޅުއްވިއެވެ.
ސަފީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޓެކްނޮލޮޖީއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އެއްބާރުލުން ދިނުމަކީ ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ. އަދި މި އެއްބާރުލުމުގެ ސަބަބުން، ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ވާސިލްވުމަށް ރާއްޖެއިން ގެންގުޅޭ ދުރުރާސްތާގެ ތަސައްވުރު ހާސިލްކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.