ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް އަމާޒުކުރައްވައި ވަރުގަދަ ސުވާލުތަކަކާއި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.
މުހައްމަދު އިސްމާއީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުގައި ހިނގައިދިޔަ ބޮޑެތި މައްސަލަތަކުގައި އިމްރާން ހުންނެވީ އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި މައްސަލައިގައްޔާއި، ދިވެހި މާލިއްޔާއަށް ބޮޑެތި ގެއްލުންތައް ވާގޮތަށް ބިލިއަނުން ފައިސާ ޗާޕު ކުރިއިރު ވެސް އިމްރާން އެއްވެސް ބަހެއް ވިދާޅުނުވެ ހަނު ހުންނެވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މުޅި ދުނިޔެއާއި ރާއްޖެ ކޮވިޑް-19 ގެ ނާޒުކު ހާލަތުގައި އޮތްއިރު، ރައްޔިތުންގެ އަނގަމަތީގައި މާސްކު އަޅުވައިގެން ތިބެ ދައުލަތުން ބޮޑެތި ޚިޔާނާތްތައް ހިންގިއިރު ވެސް އިމްރާން ހުންނެވީ ހަނު ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އަދި އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްގެން އެމީހާ އިމްރާނު ފަހައި މަގުމަތީ ދުވި ހާދިސާއަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ، އެކަމުގައި ވެސް އިމްރާން އިޚްތިޔާރު ކުރެއްވީ ހަނުހުރުން ކަމަށާއި، މި ހުރިހާ ކަމެއް ވެސް ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހޭނެ ކަމަށެވެ.
ވިލިމާލޭ ދާއިރާގެ މެންބަރު ތުހުމަތު ކުރެއްވި ގޮތުގައި އިމްރާން އެ ހުރިހާ ދުވަހު ހަނު ހުންނެވި ހަގީގީ ސަބަބަކީ އޭނާ ހުންނެވި މަގާމުގެ ދިފާއުގައެވެ. އަދި ޖީބަށް ވަންނަމުން ދިޔަ ފައިސާކޮޅު ހުއްޓިދާނެތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މިއަދު ނިކުމެ ރައްޔިތުންގެ ކުރިމަތީ ދީނާއި ގައުމަށްޓަކައޭ ބުންޏަސް ތިޔަ ސްކޭމުގައި ޖެހޭނެ މީހަކު މިއަދަކު ނެތް،“ މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ، މާޒީގައި ފ. އަތޮޅު މަޝްރޫއު ހުއްޓުވި ގޮތަށް، އެފަދަ އުކުޅުތައް ބޭނުންކޮށްގެން މިފަހަރު ރައްޔިތުންގެ ތަރައްގީއަށް އެއްވެސް ބަޔަކަށް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި މާތް ﷲ ގެ އިރާދަފުޅާއެކު މި ސަރުކާރުގެ ”ރަސްމާލެ“ މަޝްރޫއު ބާރަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވެސް މުހައްމަދު އިސްމާއީލް ވަނީ ދެއްވާފައެވެ.