ސަރުކާރުގެ 2040 ގެ ތަސައްވުރު ހާސިލްކުރުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސް ދަޢުވަތު އަރުވައިފި.

2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ދުރުރާސްތާ ތަސައްވުރުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަޢުވަތު ދެއްވީ ”ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް“ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ އަބަދުވެސް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއާއި ޗައިނާގެ ގުޅުން މިންކުރެވެނީ ދެ ޤައުމުން އުފައްދާ ފުރުސަތުތަކާއި އެކުގައި ބިނާކުރާ މުސްތަގުބަލުގެ މައްޗަށް ކަމަށެވެ. އެގޮތުން، ދެ ޤައުމުގެ ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިގްތިސާދީ ގޮތުން ހާސިލްކުރެވުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ މާކެޓުގައި ބޮޑެތި ފުރުސަތުތަކެއް ފަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ މަންފާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް 440 މިލިޔަން ޑޮލަރުގެ މުދާ ޗައިނާއިން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް 124 މިލިޔަން ޑޮލަރުގެ މުދަލަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެތެރެކުރެވުނު މުދާ ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި މުޅި މުޖުތަމަޢަށް އޭގެ ފައިދާ ކުރާނެހެން ބައްޓަންކުރަންޖެހޭ ކަމަށާއި، ޚާއްސަކޮށް ރާއްޖޭގެ މަހުގެ ބާވަތްތަކާއި އެހެނިހެން އުފެއްދުންތަކަށް ޗައިނާގެ މާކެޓުގައި ފުރުސަތު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ވިޔަފާރިތައް ހަމައެކަނި ބައިނަލްއަގުވާމީ މާކެޓުގައި ބައިވެރިވުމެއް ނޫން. ބޭނުންވަނީ އެ މާކެޓުގައި ވާދަކޮށް ކާމިޔާބު ބަޔަކަށްވާން. މި ކަމުގައި ޗައިނާއަށް މުހިންމު ބައިވެރިއަކަށް ވެވިދާނެ،“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޓެކްނޮލޮޖީގެ ދާއިރާއިން ލިބެމުންދާ ކުރިއެރުންތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ”މޯލްޑިވްސް 2.0“ ތަސައްވުރުގެ ދަށުން ހަރުދަނާ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އެގޮތުން، އަލިޕޭ އަދި ވީޗެޓްޕޭ ފަދަ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމްތަކުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ފަސޭހަވެ، ދިވެހި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ރާއްޖޭގެ ޖިއޯގްރަފީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް ހައްލެއްކަމުގައި ފާހަގަކުރެއްވިއެވެ.


ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ޤައުމަކަށް ހެދުމުގެ ލަނޑުދަނޑި ހާސިލްކުރެވޭނީ އިގްތިސާދު ސިންދަފާތުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންވެސްޓަރުންނާ ގުޅިގެން ކަމަށެވެ. އަދި އަލަށް އަމަލުކުރަން ފެށުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ސަބަބުން، ދެފުށް ފެންނަ އުސޫލުން އިންވެސްޓް ކުރުމުގެ އިތުބާރު ބޮޑުވެގެން ގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޗައިނާއަކީ ތަރައްގީގެ މުހިންމު ތަޖުރިބާތަކެއް ލިބިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، އެ ޤައުމުގެ އެހީތެރިކަމާއެކު މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކުން ރައްޔިތުންނަށް އިންތިހާއަށް ފައިދާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން، ”ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް“ ގެ ބައިވެރިންނަށް ގޮވާލެއްވީ، ރާއްޖޭގައި ހުރި ފުރުސަތުތަކާ މެދު އައު ވިސްނުމަކުން ވިސްނައި، ތަޖުރިބާއާއި އައު އީޖާދުތަކާއެކު ރާއްޖޭގެ 2040 ގެ ތަރައްގީގެ ދަތުރުގައި ބައިވެރިވުމަށެވެ.