މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ދެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، ޢަލީ ޢައްފާން (32އ) އާއި، ނ. ހޮޅުދޫ، ޕްލާޒާ، މުޙައްމަދު ޙަމީދު (34އ) ގެ އިތުރުން ނ. ވެލިދޫ، ވީނަސް، ޙައްސާނު ޢަލީ (34އ) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ތިން މީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު 2 ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި، ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލާފައިވާ މައްސަލައެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ނ. ވެލިދޫއިންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މީގެއިތުރުން، ޢަލީ ޢައްފާން އަދި މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައިވަނީ އޮގަސްޓު މަހުގެ 7 ވަނަ ދުވަހު ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާ ކަމަށް ދައްކައިގެން، މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލާފައިވާ މައްސަލައެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ނ. ހޮޅުދޫއިންނެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިދީފައެވެ.
ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގި މި ދެ ސްކޭމްގެ މައްސަލަ ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.