ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވޭތުގެ މިނިސްޓަރ އޮފް އެންޑައުމަންޓްސް އެންޑް އިސްލާމިކް އެފެއާޒް، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު އިބްރާހީމް މުޙައްމަދު އަލްވަޞްމީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ކުވޭތުގެ މިނިސްޓްރީ އޮފް އައުޤާފް އެންޑް އިސްލާމިކް އެފެއާޒުގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، އިސްލާމީ ދާއިރާއިންނާއި، ވަޤުފް ތަރައްޤީކުރުމާއި، އަދި އިންސާނީ ވަޞީލަތް ބިނާކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުވުމަކީ އިސްލާމީ ތަރައްޤީ ކުރިއެރުވުމަށާއި، ދީނީ މުއައްސަސާތައް ވަރުގަދަކުރުމުގައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދެވިދާނެ އައު ދޮރުތައް ހުޅުވިގެންދިޔަ މުހިންމު ފުރުޞަތެކެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއިން ދެ މުއައްސަސާ ގުޅިގެން މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށާއި، ރާއްޖޭގެ އައުޤާފް ބިލު އެކުލަވާލުމުގައި ކުވޭތުގެ ފަންނީ މާހިރުންގެ އެހީތެރިކަމާއި ޕްރޮފެޝަނަލް އެއްބާރުލުން ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ.

މީގެއިތުރުން، އިސްލާމީ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ އިމާމުންނަށާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި އިމާމުންގެ ޢަރަބި ބަހުގެ ޤާބިލުކަމާއި ފަންނީ ކުޅަދާނަކަން އިތުރުކުރުމުގެ ގޮތުން ޚާއްޞަ ޢަރަބި ބަހުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
ހަމައެއާއެކު، ދެ ޤައުމުގެ މުއައްސަސާތަކުގެ މެދުގައި ޢިލްމީ މަޢުލޫމާތު ބަދަލުކުރުމާއި ފަންނީ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، އިސްލާމީ ވަޤުފްތަކާއި ދީނީ ޚިދުމަތްތައް ހިންގައި ތަރައްޤީކުރުމުގައި ކުވޭތުން ހޯދާފައިވާ މުހިންމު ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ މިފަދަ ނިޒާމުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.