ހަށިގަނޑުގައި ފޮރުވައިގެން ދެ ކިލޯއަށް ވުރެ ގިނަ ރަން ރާއްޖެ އެތެރެކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރު ދުވަހުގެ ޖަލު ހުކުމް އެއްކޮށް ތަންފީޒުކޮށް ނިމުނު ދުވަހު، އެ މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން އޭނާ މިއަދު މިނިވަންކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވާފައިވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު މުޙައްމަދު ސުލައިމްޚާންގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވީ 28 އޮކްޓޫބަރު 2025 ގައެވެ. ހައިކޯޓުން އެ ހުކުމް ބާޠިލުކުރީ އޭގެ ސީދާ އެއް އަހަރު ފަހުން، މިއަދު (28 އޮކްޓޫބަރު 2026) ގައެވެ. އެހެންކަމުން މަތީ މަރުޙަލާގެ ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމިއިރު، އޭނާ ވަނީ މުޅި ހުކުމް އެއްކޮށް ތަންފީޒުކޮށް ނިންމާފައެވެ.
މި މައްސަލައިގެ ފެށުމަކީ ސެޕްޓެންބަރު 2023 ގައި ދުބާއީން ރާއްޖެ އައި ސުލައިމްޚާން، އޭނާ ލައިގެން ހުރި ޖިންސާއި ބޮކްސާގެ ތެރޭގައި ފޮރުވައިގެން 2,282 ގްރާމްގެ ރަން ޕޭސްޓް އެތެރެކުރި މައްސަލައެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލީ ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދަޢުވާއެވެ.
ނަމަވެސް، މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން ކުރެއްވި ޙުކުމުގައި ބަޔާންކުރައްވާފައިވަނީ، ކަސްޓަމްސްގެ ޤާނޫނުގެ ދަށުން ސިއްރުން މުދާ އެތެރެކުރުމުގެ ކުށް ފުރިހަމަވަނީ، އެތެރެކުރި މުދަލަކީ ރާއްޖެ އެތެރެކުރުން މަނާ މުދަލަކަށް ވުމުން ނުވަތަ ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތް އޮވެގެން ކަމަށެވެ. އަދި ސުލައިމްޚާން އެތެރެކުރި ރަނަކީ ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއް ނޫން ކަމަށާއި، އަދި އެއީ ޑިއުޓީ ދައްކަންޖެހޭ އެއްޗެއް ވެސް ނޫން ކަމަށް ދައުލަތުން ވެސް ކޯޓުގައި ވަނީ އެއްބަސްވެފައެވެ.
އެހެންކަމުން، މި ސަބަބުތަކަށްޓަކައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރި ޙުކުމަކީ ޤާނޫނުއަސާސީއާ ޚިލާފު ޙުކުމެއް ކަމަށް ނިންމައި، ހައިކޯޓުން ވަނީ ސުލައިމްޚާން އެ ދަޢުވާއިން ބަރީޢަކޮށްފައެވެ.