ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް ބަދޫރާ ސަޢީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. މިއީ މި މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ބަދޫރާއަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމެވެ.
މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ބަދޫރާ ހުންނެވީ ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. 1988ވަނަ އަހަރު ޚާރިޖީ ޚިދުމަތާ ގުޅިވަޑައިގެންނެވި ބަދޫރާއަކީ، ޕްރޮޓޮކޯލް، ކޮންސިއުލަރ އަދި ދޭދޭ ޤައުމުތަކުގެ ގުޅުންތަކުގެ ދާއިރާއިން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ އަގުހުރި ތަޖުރިބާ ޙާޞިލުކުރައްވާފައިވާ ޚިދުމަތްތެރި ބޭކަނބަލެކެވެ.

ޚާރިޖީ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ ބަދޫރާ ވަނީ މީގެ ކުރިން ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހި އެމްބަސީގެ މިނިސްޓަރ-ކައުންސެލަރ އަދި ހެޑް އޮފް ޗާންސަރީގެ މަޤާމުވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން، އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީގެ މަޤާމާއި، ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
މަޤާމުގެ ލިޔުން ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢިރުތިޝާމް ވަނީ ބަދޫރާއަށް މަރުޙަބާ ވިދާޅުވެ، އޭނާއަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ބަދޫރާގެ ދިގު މުއްދަތުގެ ތަޖުރިބާގެ އަލީގައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގާތް ގުޅުން އިތުރަށް ބަދަހިވެ، ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަކީ ޢުމްރާއާއި ޙައްޖުގެ އަޅުކަމަށް ގިނަ ޢަދަދެއްގެ ދިވެހިން ދަތުރުކުރާ މައި ދޮރާއްޓަކަށް ވުމާއެކު، އެ ސިޓީގައި ހުންނަ ދިވެހި ކޮންސިއުލޭޓަކީ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ތަނެކެވެ.