މާލެއާއި އަތޮޅުތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތައް ގުޅާލައި، ”މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް“ގެ ނަމުގައި އެއް ވިއުގައަކުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
މިއީ މިހާރު ޢަމަލުކުރަމުންދާ ”މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް“ގެ ވިއުގަ މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިއްޙީ ޚިދުމަތް ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުން ކުޑަކޮށް، ރާއްޖޭގައި ތިބެގެން ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެންވަރު ރަނގަޅު ޚިދުމަތް ލިބޭނެ މަގު ފަހިކުރުމަކީ ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް އެންމެ އިސްކަންދެއްވާ އެއް ސިޔާސަތު ކަމަށެވެ. އަދި މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ޢިމާރާތްތަކާއި ވަސީލަތްތައް އަދި އިންސާނީ ވަސީލަތް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ބަދަލުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ސިއްޙީ ދާއިރާގައި ކުރެވޭ އިސްރާފު ކުޑަކޮށް، އެންމެ އެކަށީގެންވާ އަދި ބެލެހެއްޓެނިވި ޚިދުމަތުގެ ނިޒާމެއް ޤާއިމުކުރުމެވެ. މީގެ ސަބަބުން އެއް ހޮސްޕިޓަލް އަނެއް ހޮސްޕިޓަލާ ދެމެދު ހިންގުމުގެ ގުޅުން ބަދަހިވެ، މަސައްކަތުގެ ހަލުވިކަމާއި އެފިޝަންސީ އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ރާއްޖޭގެ ހުރިހާ ޓާރޝަރީ ހޮސްޕިޓަލްތައް އެއް ގްރޫޕަކަށް ހަދާނީ. އެއް ވިއުގައަކުން ގުޅާލެވޭނެ. އެކި ހޮސްޕިޓަލްތަކުން އެކި އަގުގައި މިހާރު ތަކެތި ގަނޭ. ރީއެޖެންޓްސް، ކޮންސިއުމަބަލްސް އުކާލަންޖެހޭ ޙާލަތުވެސް އެބަ އާދޭ. އޭގެބަދަލުގައި އޭގެ ބޭނުންޖެހޭ އެހެން ހޮސްޕިޓަލަކަށް އެތަކެތި ފޮނުވޭނެ ފަސޭހަ ނިޒާމެއް އޮތިއްޔާ އެ ޚަރަދު ކުޑަވެ، ޚިދުމަތްތަކުގެ އެފިޝަންޝީ އިތުރުވެ ޚިދުމަތުގެ ފެންވަރު މަތިވޭ. ބޭކާރު ޚަރަދުތައް ކުޑަވޭ،“ ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި ގޮތުގައި މި ބަދަލާއެކު، ކުރިއަށް އޮތް 3 ނުވަތަ 4 މަސްދުވަހުގެ ތެރޭގައި މި ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅާލެވޭނެއެވެ. އަދި މި ނިޒާމު ޤާއިމުކުރުމަށް އިތުރު މުވައްޒަފުން ބޭނުން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް“ގެ ދަށުން މާލޭގެ ހޮސްޕިޓަލްތަކުގެ އިތުރުން، ލ. ގަން، ފުވައްމުލައް، ގދ. ތިނަދޫ، އައްޑޫ، ހދ. ކުޅުދުއްފުށި އަދި ރ. އުނގޫފާރު ހޮސްޕިޓަލް ގުޅާލެވޭނެއެވެ. މިކަމުގެ ސަބަބުން އެންމެ މަތީ ފެންވަރުގެ ޑޮކްޓަރުން ރާއްޖެއަށް ގެނެސް، އެވަގުތަކު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ސަރަޙައްދުތަކަށް އެ ޓީމުތައް ފޮނުވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ޚިދުމަތްތައް ފެށިގެންދާއިރު ވަގުތީގޮތުން ބޭރުގެ ޑޮކްޓަރުން ގެނައި ނަމަވެސް، ސަރުކާރުގެ ދުރު ރާސްތާ އަމާޒަކީ ސްކޮލަރޝިޕްގެ ފުރުޞަތުތައް މެދުވެރިކޮށް ސިއްޙީ ދާއިރާގެ އެކި ޚާއްޞަ ދާއިރާތަކުން ގިނަ ޢަދަދެއްގެ ދިވެހިން ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވީހާވެސް ގިނަ ވަގުތު ރައްޔިތުންނަށް ޚިދުމަތް ލިބޭނެހެން މުޅި ނިޒާމު ބައްޓަންކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މިކަންކަން ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.