ޖީސީއެފްގެ އެކްރެޑިޓޭޝަން އެމްއެފްއެލްސީއަށް: މޫސުމީ މާލީ އެހީ ހޯދުމަށް ރާއްޖެއަށް ތާރީޚީ ކުރިއެރުމެއް.

މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ގްރީން ކްލައިމެޓް ފަންޑު (ޖީސީއެފް) ގެ ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީއެއްގެ ގޮތުގައި އެކްރެޑިޓޭޝަން ލިބުމާ ގުޅިގެން، ކަމާބެހޭ ވުޒާރާއިން އެ ކުންފުންޏަށް މަރުހަބާ ދަންނަވައިފިއެވެ.
މި ޝަރަފުވެރި ކާމިޔާބީ އެމްއެފްއެލްސީއަށް ލިބިފައި މިވަނީ، އެ ކުންފުނިން ރާއްޖޭގެ މާލީ ދާއިރާގައި ޚިދުމަތް ދޭތާ 25 އަހަރު ފުރުން ފާހަގަކުރަމުންދާ އުފާވެރި ދަނޑިވަޅުގައެވެ.
ޖީސީއެފްގެ ބޯޑުން އެމްއެފްއެލްސީގެ އެކްރެޑިޓޭޝަން އެޕްލިކޭޝަން ފާސްކޮށްދިނުމާ ގުޅިގެން، އެ ކުންފުނި ވެގެން ގޮސްފައިވަނީ މަލްޓިލެޓަރަލް ކްލައިމެޓް ފަންޑަކުން ރާއްޖެއަށް ސީދާ އެހީ ހޯދުމުގެ ފުރުސަތު (ޑައިރެކްޓް އެކްސެސް) ކަށަވަރުވި ރާއްޖޭގެ އެންމެ ފުރަތަމަ މާލީ އިދާރާއަށެވެ. މިއީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖޭގައި ހިންގާ އެކި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ދިވެހިރާއްޖެއަށް ލިބިގެންދިޔަ ތާރީޚީ އަދި އަގުހުރި ކުރިއެރުމެކެވެ.
މި ކާމިޔާބީއާ ގުޅިގެން ވުޒާރާއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ މޫސުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ކްލައިމެޓް ފައިނޭންސް ނުވަތަ މޫސުމީ ކަންކަމަށް ޚާއްސަ މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމަށް އެމްއެފްއެލްސީއާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ގާތުން މަސައްކަތް ކުރުމަށް ވަނީ އުންމީދު ކުރެވިފައެވެ.
އެމްއެފްއެލްސީން ހޯދި މި މުހިންމު ފިޔަވަޅުގެ ސަބަބުން، ބައިނަލްއަގުވާމީ އެހީދޭ އެހެން ފަރާތްތަކެއް މެދުވެރިނުކޮށް، ސީދާ ޖީސީއެފް އިން ރާއްޖެއަށް މާލީ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މުހިންމު މަޝްރޫއުތައް އެއްވެސް ލަސްވުމެއްނެތި، ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު މަގެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.