ވ. އަތޮޅަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ފަތުރުވެރިންތަކެއް ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވި ގައުމީ ދިފާއީ ބާރުގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހަނދާނުގައި، އިޓަލީގެ އެންމެ ޝަރަފްވެރި އެއް އިނާމު ކަމަށްވާ ރަން މެޑަލް ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މަހުދީގެ ހިދުމަތުގެ އަގުވަޒަންކޮށް އޭނާއަށް އެރުވުމަށް ނިންމާފައިވަނީ ”ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ“ އެވެ. މިއީ އާދަޔާ ހިލާފު ހިތްވަރުގަދަ އަމަލުތައް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިޓަލީ ސަރުކާރުން އަރުވާ އެންމެ މަތީ ޝަރަފެވެ.
މަހުދީގެ ގުރުބާނީގެ އަގުވަޒަންކުރުމުގެ އިތުރުން، އޭނާގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ފަންޑެއް ވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ. ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީ ގުޅިގެން ހުޅުވާފައިވާ މި ފަންޑަށް، ހާއްސަ ބޭންކް އެކައުންޓެއް މެދުވެރިކޮށް އަންނަ ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެމްބަސީން ބުނެއެވެ.

އެމްބަސީގެ ބަޔާނުގައި ވާގޮތުން، މި ފަންޑަށް ލިބޭ އެންމެހައި ފައިސާއެއް ދެފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށްފަހު ހަވާލުކުރާނީ މަހުދީގެ ޝަރުއީ ވާރިސުންނާއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި މަހުދީގެ އާއިލާއަށް ތައުޒިޔާ ފޮނުވައި، ފަންޑަށް އެކި ގޮތްގޮތުން އެހީތެރިކަން ދެމުންދާ އެންމެހައި ފަރާތްތަކަށް އިޓަލީ އެމްބަސީން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ މަހުދީ ނިޔާވީ، މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ އަޑީގައި އޮންނަ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އޭނާ ނިޔާވީ މޭ މަހުގެ 16 ވަނަ ދުވަހު، ޑީކޮމްޕްރެޝަން ސިކްނެސްއާ ގުޅުންހުރި ސިއްހީ މައްސަލަތަކެއް ކުރިމަތިވެގެންނެވެ.
ޖުމުލަ ހަ މީހުންގެ ފުރާނަ ގެއްލިގެންދިޔަ މި ހިތާމަވެރި ހާދިސާގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ހަށިގަނޑު ވެސް، ދިވެހި ސިފައިންނާއި ކަމާބެހޭ ފަރާތްތަކުން ކުރި ބުރަ މަސައްކަތުން ފަހުން ވަނީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއިން ނަގާފައެވެ. މަހުދީ ދެއްކެވި ހިތްވަރާއި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއަކީ ދިވެހި ރައްޔިތުންގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ފާހަގަކުރެވިގެންދިޔަ ނަމޫނާ އަމަލެކެވެ.