މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ނުތަނަވަސްކަމާއި ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޤައުމީ އެއާލައިން، މޯލްޑިވިއަނުން މާލެއިން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ފްލައިޓްތައް ފަހުގެ ތާރީޚަކަށް ފަސްކޮށްފިއެވެ.
މި ދަތުރުތައް ފަސްކުރިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ނެރުނު ގުޅިފައިވާ ނޫސްބަޔާނެއްގައެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން އެ އެއާލައިނުން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެފައިވާތީ، މިހާރު އޮތް ޙާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ޙާލަތެއް ކަމަށްވެސް އެ އެއާލައިނުން ފާހަގަކުރިއެވެ.
މީގެއިތުރުން، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ ސަލާމަތީ އިންޒާރުތަކާއި ބަޔާންތަކާ ގުޅިގެން، ޖިއްދާގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައިވެސް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ސަރަޙައްދީ މަސްރަޙު ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާތީ، ދުނިޔޭގެ ނަން މަޝްހޫރު ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކުންވެސް މިހާރު ވަނީ ސަޢޫދީ ޢަރަބިއްޔާއަށާއި އެ ސަރަޙައްދަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.
ކުއްލި ގޮތަކަށް ދަތުރު ފަސްކުރަން ޖެހުމާ ގުޅިގެން ޢުމްރާވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަނުން ވަނީ ނުހަނު އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދިފައެވެ. އަދި ފަސިންޖަރުންނާއި ފަޅުވެރިންގެ ފުރާނައާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް ކަމުގައި އެ ދެ މުއައްސަސާއިން ހާމަކުރެއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ، ސަރަޙައްދުގެ މަސްރަޙު ހަމައަކަށް އެޅި، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުވުމުން، މި ދަތުރަށް ފައިސާ ދައްކަވާފައިވާ ހުރިހާ ފަރާތްތަކަށް އެއްވެސް އިތުރު އަގަކާ ނުލައި، ޢުމުރާގެ މަތިވެރި އަޅުކަމަށް ފުރުސަތު ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް މި ދަނޑިވަޅުގައި ބޭނުންވާ އެންމެހައި އެހީތެރިކަމާއި މަޢުލޫމާތު ދެ މުއައްސަސާއިންވެސް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާނެ ކަމަށާއި، ޙާލަތު ބަދަލުވެ ދަތުރުކުރުމުގެ އަމާންކަން ލިބުމާއެކު، ދަތުރު ކުރާނެ އައު ތާރީޚެއް ފަސިންޖަރުންނަށް ލަސްނުކޮށް އަންގާނެ ކަމަށްވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.