ހުޅުމާލޭގައި އީގަލް ހިލްސްއިން އަޅާ 5000 ހައުސިންގ ޔުނިޓަށް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ: ރައީސް ޑރ. މުޢިއްޒު.

ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫޢާ ގުޅުވައިގެން، އެ ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިންގ ޔުނިޓުގެ މަޝްރޫއަށް އެއްކޮށް ފަންޑުކުރާނީ އެ ކުންފުނިން ކަމަށާއި އެކަމަށް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5000 ހައުސިންގ ޔުނިޓަކީ ސަރުކާރުން ފަހުން އަނބުރާ ލާރި ދައްކަންޖެހޭ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކުގެ ހަގީގަތް ސާފުކޮށްދެއްވަމުންނެވެ.
މިކަމުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ހުޅުމާލޭގައި މި ހައުސިންގ ޔުނިޓުތައް އެޅުމަށް ނިންމާފައިވަނީ ރަސްމާލެ މަޝްރޫއުގެ ފުރަތަމަ ސޭލްސް އިން ލިބޭ %10 ގެ ތެރެއިން ކަމަށެވެ. އަދި އެ ފައިސާއަކީ ސަރުކާރުން ބޭނުންވާ ކަމަކަށް ޚަރަދުކުރަން އެ ކުންފުނިން ނިންމާފައިވާ ފައިސާއެއް ކަމަށާއި، އެމަނިކުފާނު ނިންމެވީ އެންމެ މުހިންމު ވައުދު ކަމުގައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދެވުމަށް އެ ފައިސާ ޚަރަދުކުރުމަށް ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން ދެންނެވިނަމަ އެބައި އެ 500 މިލިޔަން ޑޮލަރު ރިޒަވްގަވެސް ބަހައްޓަދޭނެ. އެކަމަކު އަޅުގަނޑު ޑިސައިޑް ކުރީ ރިޒާވްއަކު ނޫނޭ ބަހައްޓާނީ އެ ފައިސާ. އެ ފައިސާއިން ރައްޔިތުންނަށް އެންމެ މުހިންމު އަޅުގަނޑު ވައުދުވިކަންތައް ބޯހިޔާވަހިކަން. ބޯހިޔާވަހިކަމަށޭ ޚަރަދު ކުރާނީ އަނެއްކާވެސް.“ ރައީސް ވިދާޅުވިއެވެ.


އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގައި މި ޔުނިޓުތައް އަޅަން ހަވާލުކުރަނީ އެ ބިމަށް ބޭނުންވާ ފެނާއި، ކަރަންޓާއި، ނަރުދަމާގެ އެންމެހައި ނިޒާމުތައް ވެސް ގާއިމްކުރާ ގޮތަށެވެ. އަދި މި މަޝްރޫއަކީ ސަރުކާރުން އެއްވެސް ލޯނެއް ނަގައިގެން ނުވަތަ އަނބުރާ އެއްވެސް ފައިސާއެއް ދައްކަންޖެހޭ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެއް ނޫން ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މިހާރު ސަރުކާރުން ފަށާފައިވާ އެހެން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށްވުރެ މި މަޝްރޫއުގެ ފައިދާ ދައުލަތަށް ބޮޑުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުޅުމާލޭގައި އަޅާ ހައުސިންގ ޔުނިޓުތަކުގެ ސްޓްރަކްޗަރ އަދި ފިނިޝިންގ މަސައްކަތުގެ ބޮޑުބައި 2028 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ނިންމާލެވޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ތަންތަން ލިބޭ ރައްޔިތުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރިޔާސީ އެންމެ ބޮޑު އެއް ވައުދުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި 5000 ޔުނިޓުގެ ބޮޑުބައެއް ޚާއްސަކުރާނީ ޒުވާނުންނަށާއި، ފަތުރުވެރިކަމުގެ ދާއިރާ އަދި މަސްވެރިކަން ފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށެވެ. އަދި މި ޔުނިޓުތައް ދޫކުރުމުގައި މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ މީހުންނަށް އިސްކަންދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން، ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުތައް ހުއްޓިދާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަޝްރޫއާއެކު ރާއްޖޭގައި ފެށިގެން މިދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށެވެ.