އަންނަ އަހަރަށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި މި ބަޖެޓު ހުށަހަޅުއްވައިދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާ ދަށް އަދަދެކެވެ.
މި ބަޖެޓުގެ ތަފްޞީލަށް ބަލާއިރު، ދައުލަތުގެ ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. އޭގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދެވެ. އެއީ 42.7 ބިލިޔަން ރުފިޔާއެވެ. ތަރައްޤީގެ މަޝްރޫޢުތައް ހިމެނޭ ކެޕިޓަލް ޚަރަދަށް 9.9 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް ވަނީ 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހިމަނާފައެވެ.
އާމްދަނީގެ އަންދާޒާތަކަށް ބަލާއިރު، 2027 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.2 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ 2026 ވަނަ އަހަރަށްވުރެ 1.4 ބިލިޔަން ރުފިޔާގެ ކުރިއެރުމެކެވެ. މެދުރާސްތާގެ އާމްދަނީ އިތުރުވަމުންދާނެ ކަމަށް ބެލެވޭއިރު، 2028 ވަނަ އަހަރު 46.6 ބިލިޔަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ.


މަޖިލީހުގައި ބަޖެޓު ބަޔާން އިއްވަވަމުން މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ވާޞިލުވުމަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމަށެވެ. އަދި މިއީ އިޤްތިޞާދީ ހަމަޖެހުމާއި، މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓްމަންޓްތަކަށް އިސްކަންދީގެން އެކުލަވައިލާފައިވާ ބަޖެޓެއް ކަމަށް ވިދާޅުވިއެވެ.
”މި އަމާޒަށް ވާޞިލުވުމަށްޓަކައި ދެމެހެއްޓެނިވި މަސައްކަތްތަކެއްކޮށް، ވަށާޖެހޭ ނިންމުންތަކެއް ކޮންމެހެން ބޭނުންތެރި. މި ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ބިންގާ ވަރުގަދަވެ، އާންމު ޚިދުމަތްތައް ފުޅާވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުޞަތުތައް އިތުރުވެގެންދާނެ. މިއަދު އަޅުގަނޑުމެން ހޯދާ ކުރިއެރުމަކީ، އަންނަން އޮތް ޖީލުތަކަށް ފާގަތި އަދި ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށް މަގުފަހިކޮށްދޭނެ ކަންކަމަށް ވާންޖެހޭ،“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓުގެ މުހިންމު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ އަދި ހިނގަމުންދާ މަޝްރޫޢުތަކުގެ 70 އިންސައްތަ މަސައްކަތް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އާމްދަނީ އިތުރުކުރުމަށްޓަކައި އެއްވެސް ޓެކުހެއް ބޮޑުނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، އިސްކަންދޭނީ ޓެކްސް ނިޒާމު ހަރުދަނާކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަޖެޓު މައިގަނޑު 10 ދާއިރާއަކަށް ބަހާލައިގެން އެކުލަވާލާފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވަނީ ޞިއްޙީ ދާއިރާއަށެވެ. އެ ދާއިރާއަށް 10.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. ދެން ހިމެނޭ ދާއިރާތަކަކީ އިޤްތިޞާދާއި ސިނާޢީ ދާއިރާ، ދަރަނީގެ ގޮތުގައި ޚަރަދުގެ ދާއިރާ، ދިފާޢީ އަދި ޢަދުލު އިންޞާފުގެ ދާއިރާ، ތަޢުލީމީ ދާއިރާ، ޢާންމު ޚިދުމަތްތަކުގެ ދާއިރާ، އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާ، ގެދޮރާއި ޖަމާޢަތުގެ ފައިދާގެ ދާއިރާ އަދި އެހެނިހެން ދާއިރާތަކެވެ.